ޝާދިޔާއަށް އަލުން ވަޒީފާ ދިނުމަށް ހައި ކޯޓުން ހުކުމް ކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު މ. ޕިސްތާގޭ އާމިނަތު ޝާދިޔާ ވަޒީފައިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، އޭނާއަށް އޭނާ ކުރިން ހުރި ވަޒީފާ އަލުން ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ޝާދިޔާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.
އެ ކޮމިޝަންގެ އެޗްއާރު ޑިރެކްޓަރަކަށް ހުއްޓާ 2012 ގައި ޝާދިޔާ އެ ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމަށްފަހު ސެޕްޓެމްބަރު، 2012 ގައި ޓްރައިބިއުނަލުން އަމުރުކުރީ ޝާދިޔާ ކުރިން އަދާކުރި ވަޒީފާގައި އޭނާއަށް ދިނުމަށެވެ. އަދި ވަކިކުރި މުއްދަތުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ވެސް ޝާދިޔާއަށް ދިނުމަށް ޓްރައިބިއުނަލުން އޭރު އަމުރުކޮށްފައިވެ އެވެ.
އެ މައްސަލަ އެ ކޮމިޝަނުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކުރީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ކަމުގެ މަގާމުން ޝާދިޔާ ވަކިކޮށްފައި ވަނީ 2012 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އޭނާ ހިމެނިފައި ނުވާތީ، ވަޒީފާގައި ޝާދިޔާ ބެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާތީއެވެ. އެކަމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ ޝާދިޔާ އެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާގެ މަސައްކަތުގެ އަޚްލާގީ މިންގަނޑަށް ތަބާ ނުވުމުން ނޫން ކަން ނުވަތަ އޭނާގެ ކުށަކުން ނޫން ކަމަށް އެ ކޮމިޝަނުން ވެސް ބުނެފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރީ 2012 ގައި ބަޖެޓްގައި އޭނާ ހުރި މަގާމަށް މުސާރަ އާއި އެލަވަންސް ލިބިފައި ނުވާތީ ކަމަށް އެ ކޮމިޝަނުން ވެސް ބުނެފައިވާކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޝާދިޔާއަށް ވަޒީފާ ދޭން ޓްރައިބިއުނަލުން އެންގި ނަމަވެސް އެ މައްސަލަ މިއަދާ ހަމައަށް އިސްތިއުނާފް މަރުހަލާގައި އޮތުމުން އޭނާ ވަޒީފާއަށް ނުނިކުމެ މަޑުކުރަން އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ