މާލޭގެ މަގުތަކުގައި އާއްމު ރައްޔިތުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރި ކަމާއި އެކު އުޅެވޭނެ ކަން ކަށަވަރުކޮށްދެއްވާ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބް އަހްމަދު އަދީބު ހައްޔަރުކުރެއްވުމާއި ގުޅިގެން މާލޭގެ މަގުތައް މިރޭ އަމާން ނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މަގުތައްމައްޗަށް ނިކުމެވަޑައި ނުގެންނެވުމަށް ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވައިބާ ގުރޫޕުގައި ލިޔުއްވައި މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމުގައި، ބައެއް މީޑިއާތަކުން ރިޕޯޓް ކުރަމުން ދިއުމާއި ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަގުތައް މަތީގައި ހަމަނުޖެހުން ހިންގުމުގެ ކުޑަވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށާއި އެކަން ޔަގީންކޮށްދެއްވާ ކަމަށެވެ.
"މާލޭގެ ހާލަތު ހަމަ އާއްމު ހާލަތެއްގައި ދަމަހައްޓާނެ. އަޅުގަނޑު ޔަޤީންކަން އަރުވަން ރައްޔިތުންނަށް މާލެ އަމާންތަނެއްގެ ގޮތުގައި އޮންނާނެކަން. ކިރިޔާވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ކުރާނަމަ ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މާލޭގެ އަމާންކަމާއި ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅައި ފުލުހުންނާއި ސިފައިން މާލެ ތެރެ ބަލަހައްޓަމުންދާނެ ކަމަށެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ކޮންމެ މީހަކު ވަގުތުން ހައްޔަރުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ނާއިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރައްވާފައިވާއިރު، ނައިބުރައީސް ހައްޔަރު ކުރެވުނީ ދައުލަތަށް ގައްދާރުވުމުން ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަދީބު ހައްޔަރުކުރެއްވުމާއި ގުޅިގެން މާލެތެރޭގައި ބަޔަކު ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފާނެތީ ފުލުހުންނާއި ސިފައިން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.
މާލޭގެ މަގުތައް އަމާންކަންމަތީ ދެމިއޮންނާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ