ރާއްޖޭގައި ކުރާނެ ނުކުރާނެ ކަންކަން ނިންމުމަކީ ދިވެހިރައްޔިތުންގެ ޙައްޤެއް: މެމްބަރު ސަޢީދު

ރާއްޖޭގައި ކުރާނެ ނުކުރާނެ މަސައްކަތްތަކާއި ކަންކަން ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ޙައްޤެއްކަމަށް ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި ގަމުދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު  ޕީއެންސީގެ ނާއިބް ލީޑަރު ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކުރާނެ މަސައްކަތްކާއި ކަންކަން ނިންމުމަކީ ބޭރު ޤައުމަކުން ނިންމަންޖެހޭ ކަމެއް ނޫންކަމަށެވެ. އެފަދަ ކަންކަން ބޭރުޤައުމަކުން ނިންމުމުގެ ބާރު ދޭން ޖެހޭ ދަރަޖައަށް ދިވެހި ސަރުކާރު ވެއްޓުމަށްވުރެ ވަކިން ބޮޑު ނުރައްކަލަކާއި ނިކަމެތި ކަމެއް އޮންނާނެތޯ އޭނާ ވަނީ ސުވާލު އުފައްދައިފައެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް އިންޑިއާގެ އެއަރޕޯޓްސް އޮތޯރިޓީގެ ޓީމަކުން ސާރވޭކުރުމުގެ މަސައްކަތް ފަށްޓަވައިފައި ވަނިކޮށެވެ. މިކަން ހާމަކޮށްފައި ވަނީވެސް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީންނެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ޚަރަދުކޮށްގެން ހިންގަން ރާވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އެ އެއަރޕޯޓް ތަރައްޤީ ކުރެވޭނެ ގޮތުގެ ތަފްޞީލް ވެސް ހާމަކޮށްފައިވަނީ އިންޑިއާ އެމްބަސީންނެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން  ހާމާކުރާ ގޮތުގައި ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރާނީ 2200 މީޓަރުގެ ރަންވޭއަކާ އެކުގައެވެ. ރަންވޭ ބޮޑުކުރުމުގެ އިތުރުން ޕެސެންޖަރ ޓާމިނަލާއި ކާގޯ ޓާމިނަލާއި ފިއުލް ފާމް އަދި ފަޔަރ ސްޓޭޝަން ތަރައްގީކުރުން ވެސް އެ މަޝްރޫޢުގައި ހިމެނޭކަމަށް އިންޑިއާ އެމްބަސީން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ