އައްޑޫގައި ސަވައިލެންސް ސާމްޕަލް ނަގަން ފަށަނީ

އައްޑޫ ސިޓީގައި ސަވައިލެންސް ސާމްޕަލްތަކެއް ނެގުމަށް ނިންމައިފި އެވެ.
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ސަވައިލެންސް ސާމްޕަލްތަކެއް ނެގުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން އެ ސިޓީގައި މި މަހުގެ 26 އަދި 27 ގައި ސާމްޕަލް ނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.
އައްޑޫ ސިޓީން މީގެ ކުރިން ކޮވިޑްގެ ބަލި މީހުން ފެނިފައިވެއެވެ. ނަމަވެސް އެއީ ހޯމް ކަރަންޓީނަށް އެ ސިޓީއަށް ދިޔަ ބައެއް މީހުންނެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓް ހަދަން ފެށުމަށްވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ކޮވިޑްގައި ރާއްޖެއިން 200 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 9،939 މީހަކަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. އެމީހުންނަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ މިހާތަނަށް ނެގި 144،928 ސާމްޕަލް ޓެސްޓް ކުރުމުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 8،597 މީހުން ވަނީ ބަލިން ރަަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 80 އިންސައްތައެވެ. މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ 1،301 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނީ 87 މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ހަތަރު މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ރާއްޖެއިން 34 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ