މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި

ކޯވިޑް19 އާގުޅިގެން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދިނުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް 24 މެމްބަރަކު ވޯޓު ދެއްވިއިރު މިމައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވާފައިވަނީ 7 މެމްބަރުންނެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 2 މެމްބަރަކު ތިއްބެވިއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މިމައްސަލައިގަ ބުނެފައިވަނީ ކޯވިޑް 19އާއި ގުޅިގެން ދިވެހިރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅިގެން ރައްޔިތުން ރަށު ބަންދުގައި ގިނަ ދުވަސްތަކެއް ވާންދެން ތިބެންޖެހުމާއި ދިވެހިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތައް ހުއްޓާލަންޖެހުމަކީ މީހުންގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާކަމެއްކަމަށެވެ.
"ރައްޔިތުންނަށް މަސައްކަތް ކުރެވޭފަދަ ޙާލަތަކަށް ކޯވިޑް 9 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން، ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުގެ ޢިނާޔަތްތައް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް، ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް)، ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް ގޮވާލަން" އާދަމް ޝަރީފްގެ މައްސަލައިގަ ބުނެފައިވެއެވެ.
މިހާލަތުގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާނެތީ ރައްޔިތުންނަށް ލުއިގޮތްތަކެއް ފަހިކުރުމަކީ ސަރުކާރުން ކޮށްދޭންޖެހޭކަމެއްކަމަށް ކުއްލި މައްސަލައިގަ ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ