ޕްރިންސިޕަލުންނާއި ގުޅޭ އުސޫލަށް އަމަލު ކުރުން މަޑުޖައްސައެއް ނުލަން: އެޑިއުކޭޝަން

ސްކޫލްތަކުގައި މަސައްކަތް ކުރާ ޕްރިންސަޕަލުން މަސައްކަތް ކުރުމާއި ގުޅޭ އުސޫލު ތަންފީޒު ކުރުން މަޑުޖައްސާ ނުލާ ކަމަށާއި، ނަމަވެސް ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެ އުސޫލު މުރާޖާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެކަމާއި ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އުސޫލަށް އަމަލުކުރަން މަޑު ނުޖައްސާ ކަމަށާއި، ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެ އުސޫލުގައި ހުރި ބަދަލުކުރަން ޖެހޭ ބައެއް ކަންތައްތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއްކަމަކަށް އެ އުސޫލުގެ ދެތިން ނުކުތާއަކަށް ޕްރިންސިޕަލުން ކަންބޮޑުވުން ފާހަގަކުރައްވާފައި ހުރި ކަންތައްތަކާއި ގުޅިގެން އުސޫލު މުރާޖާއު ކުރުމުގެ ކަންތައް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި އުސޫލާއި ގުޅިގެން ހަދާ ގަވާއިދު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މި ގެންދަވަނީ. މަސައްކަތް ކުރިއަށް އެބަދޭ. މާނައަކި މިއާއި ގުޅިގެން ކުރަން ޖެހޭ ކަންކަން މިދަނީ ކުރަމުން. ޕްރިންސިޕަލުންނަށް ފޮނުވާލި ސިޓީގައި މިގޮތަށް ބަޔާންކޮށްފައި މި އޮންނަނީ. މިއާއި ގުޅިގެން ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ހުރީމަ އެ ކަންބޮޑުވުންތަކާއި ގުޅިގެން އެ އުސޫލު މުރާޖާ ކުރުމާއި އެ އުސޫލާއި ގުޅިގެން ހަދާ ގަވާއިދުގެ މަސައްކަތް ސިވިލް ސަރވިސްގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާ ވާހަކަ،
~ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ
އަހުމަދު އަލީ ވިދާޅުވީ ގަވާއިދު އާންމު ކުރެވުމުން، އެއާއި އެއްކޮށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އުސޫލު އާންމުކުރި އިރު އުސޫލުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރަންޖެހޭ ކަންކަން އެއް އަހަރު ތެރޭގައި ނިންމުމަށް މުއްދަތެއް ދީފައިވާ ކަމަށެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ގަވާއިދު ހަދާ އެ އާންމު ކުރުމަށްފަހު ގަވާއިދާއި ގުޅިގެން އިދާރީގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
އެހެންވީމަ އެ މުއްދަތުގެ ތެރޭގައި ހުރިހާ ކަމެއް ނިންމާލެވޭނެ. އަޅުގަނޑުމެން އުސޫލަށް އަމަލުކުރުން އެއްވެސް ގޮތަކަށް މަޑުޖައްސަ ނުލަން. އުސޫލަށް އަމަލުކުރުން މަޑުޖައްސާލިނަމަ އަޅުގަނޑުމެން އުސޫލާއި ގުޅިގެން އެއްވެސް މަސައްކަތަކެއް ނުކުރާނަން ދެއްތޯ؟ އެހެންނަމަވެސް އުސޫލާއި ގުޅިގެން ހަދަންޖެހޭ ގަވާއިދު ހެދުމުގެ މަސައްކަތް މިއަދުވެސް ކުރަމުން މިދަނީ. އެހެންވީމަ މާނައަކީ އުސޫލަށް އަމަލުކުރުން މަޑުޖައްސާލާފައި ނޫން މިއޮތީ. އުސޫލާއި ގުޅިގެން އަދި ޕްރިންސިޕަލުން ފާހަގަކުރި ކަންބޮޑުވުންތަކާއި ގުޅިގެން މުރާޖާ ކުރަންޖެހޭ ކަންކަން މުރާޖާ ކުރުމާއި އަދިނ އެއާއި ގުޅިގެން ހަދަންޖެހޭ ގަވާއިދު ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ،
~ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ
އަހުމަދު އަލީ ވިދާޅުވި މުރާޖާކުރަނީ ޕްރިންސިޕަލުން ބަދަލުކުރާ ގޮތާއި އަދި ބަދަލުކުރާ އިރު އޮންނަ ފަސް މެންބަރުންގެ ކޮމިޓީ އާއި ގުޅިގެން ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް ހުރި ކަންކަމަށެވެ. އަދި އެ އުސޫލު މުރާޖާ ކުރުމަށް މިހާރު ވެސް މަޝްވަރާކޮށް އެ އޭރިއާތައް މުރާޖާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން، ޕްރިންސިޕަލުންގެ ޓެނުއަރޝިޕް އަކީ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ސަރުކާރުގެ ވަކި ސްކޫލަކަށް އައްޔަން ކުރެވޭ މުއްދަތެވެ. މިގޮތުން ސަރުކާރު ސްކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒަފުންގެ ޓެނުއަރޝިޕް މުއްދަތަކީ މީލާދީ 4 ހަތަރު އަހަރު ކަމަށް ބުނެފައި ވެއެވެ. އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެއްފަރާތަކަށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭނީ ވިދިވިދިގެން ޖުމްލަ 8 އަހަރު ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ މި އުސޫލަކީ ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލްތަކަށް އެންމެ އެކަށީގެންވާ ޤާބިލު ޕްރިންސިޕަލުން އައްޔަން ކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުސޫލެއް ކަމަށް ބުނެފައި ވެއެވެ. އަދި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލު ހޯދުމާއެކު، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ ވެސް މި އުސޫލު އެކުލަވާލުމުގެ މަޤްޞަދު ކަމަށް ބަޔާންކޮށްފައި ވެއެވެ.
މި އުސޫލުގައި ވާގޮތުން ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދުމަށް އިއުލާން ކުރަންވާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ