މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު، މިއަހަރު 39 ބޭފުޅަކަށް ދިނުމަށް ޚާއްސަ އިނާމާ ބެހޭ ކޮމިޓީން ނިންމަވައިފި އެވެ.
މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލް ކުރައްވަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލް ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ. މީގެއިތުރުން ގައުމީ ކުޅިވަރު ދެ ޓީމެއްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ކޮމިޓީން ބުނެ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 10ވާ އާދީއްތަ ދުވަހުގެރޭ 8:45 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
ސަރުކާރުން ދެއްވާ ބައެއް ޚާއްސަ މެޑަލްވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެ އެވެ. އެގޮތުން މެޑެލް ދެއްވާނީ ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅަކަށާއި، މިދިޔަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނާއި، މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހާސިލްކުރި 17 ދަރިވަރުންނަށެވެ.
މީގެއިތުރުން ދެ ސްކައުޓަކަށް ސަރުކާރުން ދޭ ހަނދާނީ ފިލާ ދެއްވުމާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި 5 ސްކައުޓުންނަށް ބެޖް ދެއްވުމާއި، ބޭޑަން ޕަވަލް ބެޖް ހާސިލުކުރި 6 ސްކައުޓުންނަށް ބެޖް ދިނުންވެސް މި ޖަލްސާގައި އޮންނާނެ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމު މިއަހަރު 39 ބޭފުޅަކަށް ދިނުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ