ކެޔޮނިރު ކޮލަމް: 2023ގެ ރިހާސަލް! ޔާމީން ޖަލަށް ލައިފި ނަމަ ފުޅާ ކޯލިޝަނަކާއެކު ގާސިމް ރައީސް ކަމަށް

މި ދިވެހި ޤައުމުގައި މިވަގުތު ހިނގަމުންދާ އެންމެ މުހިއްމު ސިޔާސީ ކަމަކީ ކޮބައި ބާވައެވެ؟ އެއީ މާދަމާ ރައީސް ޔާމީނަށް މަނީ ލޯންޑަރިންގެ މައްސަލާގައި ހުކުމް ކުރުން ބާވައެވެ؟ ނުވަތަ އަދިވެސް އެމް.ޑީ.އެން އުވާ ނުލެވޭ ވާހަކަ ބާވައެވެ؟ ނުވަތަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅުވައިގެން ސަލަފް ޖަމިއްޔާ އާއި ބައެއް ދީނީ އިލްމުވެރީންނަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖުލިހުން ފާސް ކުރުމުން އުފެދިގެން އުޅޭ ހިޔާލުތަފާތުވުންތައް ބާވައެވެ؟ ނުވަތަ ރާއްޖޭގައި އައި.އެސް ގެ ބާރު ގަދަވަމުންދާ ކަމަށް ބުނެ މަޖުލިސް މެންބަރުން ދެއްވާ އިންޒާރުގެ ވާހަކަ ބާވައެވެ؟ ނުވަތަ 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ބަލިވެ އިން މައްސަލާގައި ސަރުކާރުގެ މުއައްސަސާތައް އިހުމާލުވެފައިވާ ކަމަށް މަޖުލިސްގެ ރައީސް ވިދާޅުވި މައްސަލަ ބާވައެވެ؟ ނުވަތަ "އަންދިރި ދައުލަތް ތަކުގެ" ސަބަބުން ދިވެހި ރާއްޖެ މިވަގުތު އޮތީ ހަނގުރާމައެއްގެ ތުންފަތް މަތީގައި ކަމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ނާއި މަޖުލިސް ރައީސް ވިދާޅުވާ ވިދާޅުވުން ބާވައެވެ؟ ނުވަތަ ރާއްޖޭގައި އިސްލާމިކް މިނިސްޓްރީގެ ބޭނުމެއް ނެތް ކަމަށާއި ދީނީ ޖަމިއްޔާއެއްގެ ގޮތުގައި ސަލަފް ވެސް ހިންގަން ފުރުސަތު ދޭން ނުޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިމެނޭ ގޮތަށް އެމް.ޑީ.ޕީ ގެ ގިނަ މެމަބަރުންތަކެއް ބުނާ މައްސަލަ ބާވައެވެ؟
ސިޔާސީ މަސްރަހުގައި ހިނގާ ބައެއް އެހެން ކަންތަކަށް ބަލާލާއިރު ޖުމްހޫރީ ޕާރޓީ ބޮޑުވެ ބިޔަވަމުންދަނީ ކުރީގެ ޕީޕީއެމް ގެ ގިނަ މެމްބަރުން ތަކެއް ޖުމްހޫރީ ޕާރޓީއާ ގުޅުމުން ކަމަށާއި ރައީސް ޔާމިނާ ޤާސިމާ ދެމެދު ސިޔާސީ ގުޅުން އެބައޮތްކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށް އަންގާރަ ދުވަހުގެރޭގެ ޖަލްސާއެއްގައި ޤާސިމް ވަނީ ވަރަށް ބޮޑަށް ޔާމީނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ހަމަ ކަނޑައެޅިގެން ރާވައިގެންކަން އެންމެން ވެސް ޖަލަށްލީ. އަޅުގަނޑެއް ނޫޅެމޭ އިނގޭތޯ ދަންނަވާކަށެއް، އެއްބަފާ ބޮޑުބޭބެ، 80 އަހަރު ފުރިފައިހުރި މީހަކު ގެންގޮސް ހައްގުން ކަމަކާ ނުލައި އޭނާގެ ދެބޭފުޅުންނާއެކު ގެންގޮސް ޖަލުގެ ގޮޅިއަށް ގަޅާލީމާ އެއީ ކާކުކަން ބުނާކަށް އަޅުގަނޑު ނޫޅޭމޭ،" ގާސިމް ވިދާޅުވިއެވެ.
މީގެން ދާހަކޮށްދެނީ ޤާސިމާ ޔާމީނާ ސިޔާސީ ގުޅުމެއް ނެތްކަމެވެ، އަދި ޕީޕީއެމުން ވަކިވެގެން ގޮސް ޖޭޕީ އާ ގުޅުނު ނިހާން ފަދަ އިސް ފަރާތްތަކަކީ ހަޤީގަތުގަވެސް ޔާމީނާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން ޖޭޕީ އަށް ދިޔަ ފަރާތްތަކެއް ކަމެވެ. ހަމަ އެއާ އެކު ރޭގެ ޖަލްސާގައި ޤާސިމް ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރުނު ކަމުގައި ވިިއަސް 2023 އާއި ހަމައަށް ރައީސް ސޯލިހުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެ ކަމަށެވެ.
ރައީސް މައުމޫން ނިސްބަތްވެ ވަޑައިގަންނަވާ އެމް.އާރ.އެމް ނުވަތަ މޯލްޑިވްސް ރިފޯމް މޫވްމެންޓް ވެސް މިހާރު މިވަނީ ރަސްމީކޮށް ރަޖިސްޓްރީވެ ސިޔާސީ ޕާރޓީއެއްގެ ބާރު ލިބިފައެވެ. އެއާ އެކު ރައީސް މައުމޫން ވިދާޅުވެފައިވަނީ 2023 އާއި ހަމައަށް ރައީސް ސޯލިހުގެ ސަރުކާރަށް ފުރިހަމަ ތާއީދު ދެއްވާނެ ކަމަށެވެ. މަޖުލިސް ތެރެއިން ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ނިންމަވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތު މިވަނީ ވަރަށް ބޮޑަށް ކުރަން ފާށަފައެވެ. މި ހިޔާލުތަފާތުވުންތަކާ އެކު ޖޭޕީ ގެ ލީޑަރު ޤާސިމްވަނީ އެކި ފަހަރު މަތީން ރައީސް ނަޝީދަށް ވަރަށް ހޫނު ބަހުގެ ހަމަލާ ދެއްވާފައެވެ. ދީން ފުނޑާލައްވަން އުޅުއްވާ ބޭފުޅެއް ކަމަށާއި އެފަދަ ފުރުސަތެއް ނަޝީދަށް ނުދެއްވާނެ ކަމަށް އެކި މުނާސަބަތުތަކުގައި ޤާސިމް ވިދާޅުވެފައި ވެއެވެ.
އެހެން ކަމުން 2023 އާއި ހަމައަށް ރައީސް ސޯލިހަށް ތާއިދު ކުރައްވައިގެން ޤާސިމް އާއި ރައީސް މައުމޫން ތިއްބަވާއިރު، މިއަދުގެ ހުކުމުން ރައީސް ޔާމީނަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަތުވެއްޖެނަމަ 2023 ގެ އިންތިހާބުން ރައީސް ޔާމީނުގެ ނަމެއް ނުފެންނާނެއެވެ. އެފަދަ ހާލަތެއްގައި 2023 ގައި އެންމެ ވާދަވެރި ވާނެ ކަމަށް ބެލެވެނީ ޤާސިމް އާއި ނަޝީދެވެ. މަސްރަހު ހުރިގޮތަށް ބަލާއިރު ރައީސް ސޯލިހު 5 އަހަރަށް ފަހު އެއްކައިރިއަށް ޖެހިވަޑައިގަތުން ވަރަށް ކައިރިކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
އެހާލަތުގައި ރައީސް ސޯލިހުގެ މިހާރުގެ ބައިވެރިން ކަމުގައިިވާ މައުމޫން އާއި ޝެއިހް އިމްރާން ވެސް ޤާސިމްގެ ފަހަތަށް އެރުއްވުން ގާތްކަމަށް ފެނެއެވެ. އަދި ސަލަފް ޖަމިއްޔާ ފަދަ ދީނީ ޖަމިއްޔާ ތަކާއި ނަޝީދުއާ ހިޔާލު ތަފާތުވެފައިވާ ޑރ.ޝަހީމް އާއި ޝެއިހް އިލްޔާސް އާއި ޑރ. އިޔާޒް ފަދަ ދީނީ އިލްމުވެރިންވެސް ޤާސިމްގެ ފަހަތަށް އެރުއްވުން ކައިރި އެވެ. މިހުރިހާ ބޭފުޅުން ހިމެނޭ ކޯލިޝަނަކާ ވާދައަށް ނަޝީދު އެކަނިމާ އެކަނި ނިކުމެވަޑައިގެން 2023 ގެ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ، މާޒީއަށް ބަލާއިރު ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ.
ކޮންމެ ނަމެއް ކިޔައިގެން މައްސަލަ އުފެދިގެން ބަހުސް ކުރިޔަސް މިވަގުތު ރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގަ އާއި މީޑިއާގައި އަދި ސިޔާސީ ހޮޅުއަށި ތަކުގައި މިހިނގާ ހުރިހާ މުގާބަލާ އަކީ 2023 ގެ ހަނގުރާމައެވެ. ނަޝީދުވެސް ތައްޔާރުވަނީ އެކަމަށެވެ. ޤާސިމްވެސް މައުމޫނުވެސް އަދި އަދާލަތާއި ޖާބިރާއި އެނޫން ސިޔާސީ ފަރާތްތައްވެސް ހަމަ އެހައްދަވަނީ 2023 ގެ ރިހާސަލް އެވެ. އެމް.ޑީ.އެން އޭ ކިޔަސް، ސަލަފޭ ކިޔަސް، ކޯޓުންބޭރުގައި ކުޑަކުދިންގެ ކައިވެންޏޭ ނުވަތަ އައި.އެސް އޭ ކިޔަސް، ނުވަތަ އަނދިރި ދައުލަތޭ ކިޔަސް އަދި އިސްލާމިކް މިނިސްޓްރީ އުވާލާށޭ ގޮވިޔަސް، އަދި ކާށިދޫގައި އެއާރޕޯރޓާއި ކޭބަލް ކާރު އަޅަން ބުންޏަސް މިއީ ހަމަ 2023 ގައި ރައްޔިތުންގެ ތާއީދު ހޯދަން ދައްކާ ވާހަކަ ތަކެވެ.
މިއީ ސިޔާސީ ހަނގުރާމައެއްގެ އިތުރުން ފިކުރީ ހަނގުރާމައެއްވެސް މެއެވެ. 2023ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ފަރާތެއްގެ ގޮތުން ދިވެހި ދައުލަތުގެ މިސްރާބު ބަދަލުވެގެން ދާނެއެވެ. އެއް ގޮތަކުން ނަމަ ޒަމާނީ ސެކިއުލަރ ފިކުރުގެ މިސްރާބަށެވެ. އަނެއް ގޮތަކުން ނަމަ ކޮންސަވޭޓިވް، ވަތަނީ ތަރައްޤީގެ މިސްރާބަކަށެވެ. ރާއްޖޭގެ ސިޔާސީ ގުޅަކުޅޭ ފަސްގަނޑުގައި މިވަގުތު ހިނގަމުން މިދާ މުޤާބަލާއިން ކާމިޔާބު ކުރައްވާނީ މި ދެފިކުރުގެ ތެރެއިން ކޮން ފިކުރެެއް ބާވައެވެ؟ އޮޑިޝަން އަދިވެސް އޮތީ ކުރިއަށެވެ. ވާދަވެރި ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ