ސޫދާނުގެ ކުރީގެ ރައީސް އުމަރު ހަސަން އަލްބަޝީރުގެ މައްޗަށް މިހާރު ކުރިއަށްދާ ޝަރީއަތުގައި، ބަޝީރުގެ ގެކޮޅުގައި ފުނިޖަހައި ފޮރުވާފައިހުރި ބޭރުފައިސާ، ހެކީގެގޮތުގައި ކޯޓްގައި ދައްކާލައިފިއެވެ.
މިފައިސާއަކީ ކޮރަޕްޝަންގެ މަގުން ގާނޫނާ ޚިލާފަށް ބަޝީރު އެއްކުރައްވާފައިވާ ފައިސާ ކަމަށް ތުހުމަތުކޮށް، މިހާރު ކުރިއަށްދާ ޝަރީއަތަކީ އެ ފައިސާއާ ގުޅޭ ޝަރީއަތެވެ.
ސޫދާނުގެ ވެރިކަމުން، މިއަހަރުގެ އޭޕްރީލްމަހު އުމަރު އަލްބަޝީރު ދުރުކުރުމަށްފަހު، ސަލާމަތީ ބާރުތަކުން އޭނާގެ ގެކޮޅު ބަލައި ފާސްކުރިއިރު، އެތައް މިލިއަން ޔޫރޯއާއި، އެމެރިކާ ޑޮލަރުގެ އިތުރުން، އެތައްމިލިއަން ސޫދާން ޕައުންޑްވެސް ފެނިފައި ވެއެވެ.
އިއްޔެއޮތް ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ރައީސް އުމަރު ހަސަން އަލްބަޝީރުގެ ދިފާއުގައި ހަތަރު ބޭފުޅަކު ކޯޓްގައި ހެކިބަސް ދެއްވިއެވެ. އޭގެ ތެރޭގައި ބަޝީރުގެ ވެރިކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންސީގެ މަގާމުގައި ހުންނެވި އަބޫބަކުރު އަވާދުވެސް ހިމެނިވަޑައި ގަންނަވައެވެ.
ޝަރީއަތުގެ މަޖިލީހަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުމަރު އަލްބަޝީރުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައި ގަންނަވާ މުހަންމަދު އަލް ހަސަން އަލްއަމީން ވިދާޅުވީ، ގެކޮޅުގައި ފައިސާ ބެހެއްޓުމަކީ ކުށެއް ނޫން ކަމަށެވެ. މިލިއަނެއް އަދި ދެމިލިއަން ޑޮލަރުވިޔަސް ގޭގައި ބެހެއްޓުމަކީ ކުށެއް ނޫން ކަމަށެވެ.
"ގާނޫނީގޮތުން ކުށަކަށްވަނީ ބޭރުފައިސާ އަތުގައި ބަހައްޓައިގެން ވިޔަފާރިކުރުން. ގާނޫނާ ޚިލާފަށް ފައިސާ ހޯދުމާއި، ހަދިޔާ ގަބޫލުކުރެއްވުމުގެ ދައުވާ ބަޝީރުގެ މައްޗަށް ނުއުފުލޭނެ" ގާނޫނީ ވަކީލު ވިދާޅުވިއެވެ.
ޝަރީއަތް ކުރިއަށް ދިޔައިރު، ކުރީގެ ރައީސް އުމަރު ހަސަން އަލްބަޝީރު، ކޯޓް މާލަމުގައި ހުރި ދަގަނޑު ކޮށްޓެއްގެ ތެރޭގައި އިންނެވިއެވެ.
ކުރީގެ ރައީސް ކޯޓަށް ވެދެވަޑައި ގެންނެވި ވަގުތުގައާއި، ނުކުމެވަޑައި ގެންނެވި ވަގުތުވެސް އެތައްހާސް ސަޕޯޓަރުން ކޯޓް ކައިރިއަށް އެއްވެފައި ތިއްބެވެ. އެމީހުން ދިޔައީ "ﷲ އަކްބަރު" މިހެން ގޮވަމުންނެވެ.
ވެރިކަމުން ދުރުކުރި ފަހުން ފުރަތަމަ ފަހަރަށް އާންމުކޮށް ވާހަކަފުޅު ދައްކަވަމުން، އުމަރު އަލްބަޝީރު މިދިޔަ މަހު ވިދާޅުވެފައިވަނީ، އޭނާގެ ގެކޮޅުގައި ހުރި ފައިސާއަކީ ސައުދީ އަރަބިއްޔާގެ ވަލިއަހުދު މުހަންމަދު ބިން ސަލްމާން ދެއްވި 25 މިލިއަން އެމެރިކާ ޑޮލަރާއި، އެހެން ދިމަދިމާއިން ހަދިޔާގެގޮތުގައި ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ.
އަދި އެ ފައިސާއަކީ އަމިއްލަފުޅު ބޭނުމަށް ހޯދައި ބަހައްޓާފައިހުރި ފައިސާ ނޫން ކަމަށާއި، އެ ފައިސާ ޚަރަދު ކުރައްވަނީ އާންމުންގެ ވެލްފެއަރ ކަންތައްތަކަށް ކަމަށްވެސް ބަޝީރު ވިދާޅުވެފައި ވެއެވެ.
ސޫދާނުގެ އާންމުން މަގުތަކަށް ނުކުމެ ސަރުކަރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ފުޅާވެ ދިގުލާން ފެށުމުން ސިފައިން ނުކުމެ ސޫދާނުގެ ވެރިކަމުން އުމަރު ހަސަން އަލްބަޝީރު ދުރުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުއެވެ.
ވެރިކަމުން ދުރުކުރިފަހުން އޭނާ ހުންނަވަނީ ޖަލުބަންދުގައެވެ.
އޭނާގެ މައްޗަށް ތަހްގީގު ހިންގީވެސް، އަތްޕުޅުގައި އެތައް މިލިއަން ބޭރުފައިސާ ހުރުމާއި، ބޭރުން އެތައްމިލިއަން ޑޮލަރު ލިބިވަޑައިގަތުމާއި، މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް ހަދިޔާ ގަބޫލުކުރެއްވި މައްސަލަތަކުގައެވެ.
ސައުދީ ޝާހީ އާއިލާއިން ސޫދާނުގެ ކުރީގެ ރައީސަށް ނުވަދިހަމިލިއަން އެމެރިކާ ޑޮލަރު ނަގުދުން ދެއްވާފައިވާ ކަމަށް އުމަރު ބަޝީރު ތަހްގީގުގައި ވިދާޅުވެފައި ވެއެވެ.
އޭގެ ތެރޭގައި ސައުދީ ވަލީއަހުދު މުހަންމަދު ބިން ސަލްމާން ދެއްވި 25 މިލިއަން ޑޮލަރުގެ އިތުރުން، 2015 ވަނަ އަހަރު އަވަހާރަވި ކުރީގެ ރަސްގެފާނު އަބްދުﷲ ދެ ބުރެއްގެމަތިން ދެއްވި 65 މިލިއަން ޑޮލަރު ހިމެނެއެވެ.
މިއީ، ދައުލަތުގެ ބަޖެޓުގެ ބޭރުން އެކި ކަންކަމަށް ޚަރަދުކުރެއްވުމަށް ދެއްވި ފައިސާ ކަމަށްވެސް އުމަރު އަލްބަޝީރު ތަހްގީގަށް މައުލޫމާތު ދެއްވާފައި ވެއެވެ.
ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލްބަޝީރުގެ ގެކޮޅުން ފެނުނު ފައިސާތައް ޝަރީއަތުގައި ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ