ރައްޔިތުން ބާރުވެރިކުރުވުމުގެ އިސްލާހީ ހަރަކާތަކަށް އަތުގުޅާލައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް އިސްލާހީ ހަރަކާތެއް ކުރިއަށް ގެންދަވަން އެކުގައި މަސައްކަތް ފައްޓަވައިފި އެވެ.
ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި މާދަމާ ރޭ އެ ހަރަކާތް ލޯންޗްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ކުރީގެ ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރުގެ ވެސް މިސްރާބު ގޯސްކަން ގަބޫލުކޮށް، އިސްލާހީ އާ މަސައްކަތަކަށް ތެދުވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި އުމަރުގެ އިތުރުން އެމްއެންޑީއެފްގައި ކުރިން އުޅުއްވި ކެޕްޓަން އަލީ އިހްސާން އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މާޒް ސަލީމާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒް އާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ހިމެނިވަޑައިގަންނަވަ އެވެ.
އިތުރަށް ވެސް ގިނަ ބޭފުޅުންތަކެއް ތިއްބެވި ނަމަވެސް ރަސްމީކޮށް ނަންތައް ހާމަކުރާނީ މާދަމާ ރެ އެވެ.
"މި ހަރަކާތުގެ ތެރެއިން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަކީ ވެސް ގާތް ކަމެއް. އެކަމަކު އަދި މިއޮތީ ސިޔާސީ ޕާޓީއެއް ނޫން، އިސްލާހީ ހަރަކާތެއް،"
މި ހަރަކާތުގެ ބޭނުމަކީ ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި ރައްޔިތުން ބާރުވެރިކުރުވުމެވެ. ޕްރޮމޯޓްކުރާ ސިޔާސީ ފިކުރުތަކަށް ވުރެން އާއްމުންނަށް ރަނގަޅު މަގު ދެއްކުމާ އެކު ރަނގަޅު ޖީލެއް ބިނާކުރަން މަސައްކަތް ކުރުން ކަން ހަރަކާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
"ގައުމީ ހަރަކާތެއްގެ ގޮތުގައި މި ނުކުންނަނީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައްޔިތުން ބާރުވެރިކުރަން. އެކި މައްސަލަތަކުގައި އާއްމު ހޭލުންތެރިކުރުމުގެ ގިނަ ކަންކަން ކުރިއަށް ގެންދާނެ،" މި ހަރަކާތުގައި އުޅުއްވާ އެއް ބޭފުޅަކު ވިދާޅުވި އެވެ.
ސިޔާސީ މަސްރަހުން ބަދަލަކަށް މި ފަށާ ހަރަކާތާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި ސިޔާސީ ވަކި ލީޑަރެއްގެ ފަހަތުގައި ވަށައިގެން އެނބުރޭ ފިކުރުތަކަކުން ގައުމަށް ހެޔޮ ބަދަލެއް އަންނަ މަންޒަރެއް ނުފެނެ އެވެ. އަލަށް އުފެދޭ ހަރަކާތަކީ ވަކި މީހެއްގެ ފިކުރު ކުރިއެރުވުން ނޫން ކަމަށާއި އެންމެންނަށް މިނިވަންކަމާ އެކު ބަސްބުނެވޭ، ބައިވެރިވެވޭ ހަރަކާތަކުން އިސްލާހީ ބަދަލުތަކެއް ހޯދުން ކަމަށެވެ.
"މި ހަރަކާތުގެ ތެރެއިން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަކީ ވެސް ގާތް ކަމެއް. އެކަމަކު އަދި މިއޮތީ ސިޔާސީ ޕާޓީއެއް ވެސް ނޫން، އިސްލާހީ ހަރަކާތެއް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުން އަބަދުމެ ދައްކާ މަންޒަރަކީ ސިޔާސީ ޕޯޑިއަމްތަކުގައި މޮޅު ވައުދުތަކުން ރައްޔިތުން ކައްކުވައި ތާއީދު ހޯދުމެވެ. ނަތީޖާއެއް ނުފެނި ކުރިއަރުވަނީ އެ ލީޑަރެއްގެ ފިކުރު ކަމަށާއި ރައްޔިތުންގެ ބައިވެރިވުމެއް، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމެއް ނޯންނަ ކަމަށް ވިދާޅުވި އެވެ.
"މިކަން ބަދަލުކުރަން މި ހަރަކާތާ ގުޅުމުގެ ފުރުސަތު އެންމެންނަށް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ގައުމީ ހަރަކާތް ފެށުނީ ގައުމު މިހާރު ކުރިއަށްދާ ކަންކަމުގެ ހައްލަކަށް ވިސްނާ މީހުންގެ މެދުގައި ކަމަށް ވުމުން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ