ޓޫރިޒަމް ދާއިރާގެ 12500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިންދީފި

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 12،500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ރޭ ވިދާޅުވީ ފުރަތަމަ ބުރުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 10،000 މީހުންނަށް ވެކްސިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ކަމަށާއި މިހާރު 12،500 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.
މައުސޫމް ވިދާޅުވީ އަދިވެސް ޓޫރިޒަމް ދާއިރާގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވެކްސިން ނުދެވޭ ކަމަށާއި ބައެއް ރިސޯޓްތަކުގައި އަދިވެސް ވެކްސިން ދޭން ނުފަށާ ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދެވިގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ޖަހާ ނިމޭއިރު، އެއީ މުޅި ދުނިޔޭގައިވެސް އެއް އިންޑަސްޓްރީއެއްގައި އެންމެ އަވަހަށް އެންމެންނަށް ވެކްސިން ޖަހައިލެވުނު އެއް އިންޑަސްޓްރީއަށް ވެގެންދާނެ،" މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ވެކްސިން ދެ ޑޯޒް ޖަހާ މުވައްޒަފުންނަށް ބެޖެއްވެސް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެންމެން ވެކްސިން ޖެހުމުން މުޅި ރާއްޖެ ވަރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވެކްސިން ޓޫރިޒަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ ވެކްސިން ޓޫރިޒަމް ރާއްޖޭގައި ފަށާނީ ރާއްޖޭގެ ހުރިހާ އެންމެނަށް ވެކްސިން ދިނުމުން ކަމަށެވެ. އޭގެ ކުރިން ނުފަށާނެ ކަމަށް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފަށާކަމުގެ ވާހަކަތައް މުޅި ދުނިޔޭގައިވެސް ދެކެވެމުން އަންނަ ކަމަށާއި މިކަމުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ