ޢަބްދުﷲ އަލީ (އަސްލު ނަމެއް ނޫން) ގެ ފަސް އަހަރުގެ ދަރިފުޅު މާމަގެ ހަވާލުގައި އޭނާ ރަށަށް ގެންދިއުމުގެ ހުއްދަ ދިނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ސްކޫލްތައް ބަންދުވެ ގެއިން ބޭރަށް ނުނިކުމެވި ހިތްހަމަ ޖައްސާލާނެ މާހައުލެއް މި ހަލޮބޮލި މާލޭގައި ނެތުމުންނެވެ. ކޮވިޑްގެ ބަލާއާފާތާއެކު އެޅި ފިޔަވަޅުތަކުން ގޭތެރޭގައި އެކަހެރި މާހައުލެއްގައި ހޭދަ ކުރުމަށްވުރެ ރަށްފުށުގެ މާހައުލުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެތީ އެވެ. ދަރިފުޅުގެ ސިއްހަތަށާއި ހެދިބޮޑުވުމަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އެގޮތް ކަމަށް އަބްދުﷲ ގަބޫލު ކުރި އެވެ. އެހެންނަމަވެސް އަމިއްލަ ރަށަށް މާމައާއެކު ދަރިފުޅު ފުރުވާލި ދަތުރަކީ އޭނާގެ ލޯބިން ދަރިފުޅު މަރުހޫމް ވާނެ ދަތުރެއް ކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނުގަނެވުނެވެ.
އާ އަހަރާ އެކު ސްކޫލްގެ ދިރާސީ މަރުހަލާގެ ދެ ވަނަ ޓާމް ކިޔެވުން ފެށޭނެ ކަމަށް ސަރުކާރުން އިއުލާން ކުރުމާއެކު، ދަރިފުޅުގެ މަންމަ ދަރިފުޅު ގެނެސްދިނުމަށް އެދޭތީ އަބްދުﷲ ވެސް އޭނާގެ ލޯބިވާ ދަރިފުޅު ބަލާ ރަށަށް ދިޔަ އެވެ. ދިރާސީ އާ ޓަމަށް ދަރިފުޅު މަރުހަބާ ކިއުމަށް އެންމެ ފުރިހަމަ ގޮތުގައި ތައްޔާރު ވުމަށްޓަކައި ދަރިފުޅާ ބައްދަލު ކުރުމުގެ ފޮނި އުންމީދަށެވެ. ކޮވިޑްގެ ނިއު ނޯމަލް ހާލަތުގެ ތެރެއިން ދަތުރު ހަދައި ރަށަށް ގޮސް 10 ދުވަހަށް ރަށުގައި ކަރންޓީން މަރުހަލާއެއް އަބްދުﷲ ފުރިހަމަ ކުރި އެވެ. އެކަހެރި ކަމުގެ ކަރަންޓީނު ފުރިހަމަ ކޮށް އެކަމުން ވީއްލުނު ތަނާ އަބްދުﷲ ލިބުނީ ރަށުގެ މެޖިސްޓްރޭޓް ކޯޓުން އައި ޗިޓެކެވެ. އަބްދުﷲ ދަރިފުޅު އޭނާ އާ އެކހެރި ކޮށް ވަކި ކުރި ކަމަށް ރަށުގެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެވެ. އަބްދުﷲ ބުނިގޮތުގައި އޭނާގެ ބޮލުގައި ގިނަ ތުހުމަތުތަކެއް ކޯޓުން އެޅުވުމަށް ފަހު ދަރިފުޅު އޭނާ އާ އެކަހެރި ކުރީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ މައްޗަށެވެ.
އޭނާގެ އުފަންދަރިފުޅުގެ މައްޗަށް އޭނާއަށް އެއްވެސް ބާރެއް ނުފޯރާ ގޮތަށް ދަރިފުޅުގެ ހަޟާނާތް އޭނާގެ މަންމަ އާ ޙާވާލު ކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ވަގުތީ އަމުރެވެ.
އަބްދުﷲ އަލީ (ދަރިފުޅުގެ ބައްޕަ) އަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމެއް ނެތި ދަރިފުޅުގެ ހަޟާނާތުގެ މައްސަލައިގައި ކޮށްފައިވާ ވަގުތީ ހުކުމުގައި ބުނެފައިވާ ކަންކަމަކީ، ސާބިތު އެއްވެސް ހެއްކެއްގެ މައްޗަށް ބަރޯސާ ވެގެން ނެރެފައިވާ ހުކުމެއް ކަމާމެދު ސުވާލު އުފެދެ އެވެ.
ހަޟާނާތުގެ މައްސަލައިގައި ނެރުނު ވަގުތީ އަމުރުން ފާހަގަ ކުރެވުނު ބައެއް ކަންކަން:
މި މައްސަލަ ބެލުމުގެ އިޙްތިޞާސް ލިބިފައި ނުވާ ދެކުނުގެ ރަށެއްގެ ކޯޓަކުން ހަޟާނާތުގެ މައްސަލައިގައި ނެރުނު ވަގުތީ އަމުރުގައިވާގޮތުން ދަރިފުޅު ވިހެއުމާ ހިސާބުން ފެށިގެން ކުއްޖާއަށް ކުރަންޖެހޭ ހުރިހާ ޚަރަދެއްކޮށް ކުއްޖާ ބަލަމުން ގޮސްފައިވަނީ ކުއްޖާގެ ބައްޕަ ފަރާތު މާމަ އެވެ. އަދި ކުއްޖާގެ ބައްޕަ މިހާރު ކުއްޖާގެ މަންމައާ އިނދެގެން ނޫޅުމާއި ކުއްޖާގެ ބައްޕަގެ އިތުރު ދަރިއެއް ދޮންމަންމަގެ ހުރުމުގެ ސަބަބުން ކުއްޖާއަށް އެންމެ ރައްކާތެރިކަން ބޮޑު އަދި އެންމެ މަސްލަހަތު ހުރި ގޮތަކީ ކުއްޖާގެ ބައްޕަ ފަރާތު މާމަ ކުއްޖާ ބެލުން ކަމަށްވެސް ވަގުތީ އަމުރުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ކުއްޖާގެ ބައްޕަ ކުއްޖާ ގެންގޮސްފިނަމަ ކުއްޖާއަށް ރައްކާތެރިކަމާއި، ކުއްޖާއަށް ލިބެންޖެހޭ ތައުލީމާއި ތަރުބިއްޔަތު ނުލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރުގައި ވަނީ ބުނެފައެވެ. އަދި ކުއްޖާގެ ބައްޕަ ކުއްޖާ ގެންގޮސްފިނަމަ ކުއްޖާ ގެންގުޅޭނެ ކަމަށް ބެލެވޭ މާޙައުލަކީ ކުއްޖާއަށް އެންމެ އެކަށޭނެ މާޙައުލެއް ކަމަށްވެސް ނުފެންނަ ކަމަށާއި ކުއްޖާއަށް ދެރަގޮތެއް ދިމާވެދާނެ ކަމަށް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ބަޔާން ކޮށްފައެވެ. މީގެ އިތުރުން ކުއްޖާގެ ބައްޕަ އަކީ ވެކްސިން ދިނުމާއި އަންހެންކުދިން ސްކޫލަށް ފޮނުވުމަކީ ކުރަންޖެހޭ ކަމެއް ނޫންކަމަށްބުނެ ވާހަކަދައްކައި ތައުލީމު ދިނުމަށް އިންކާރުކޮށް އެފަދައިން ވާހަކަދައްކާ މީހަކަށްވާތީ، ކުއްޖާއަކީ ޒަމާނީ ތައުލީމާއި ތަރުބިއްޔަތުން މަހްރޫމު ވެފައިވާ ކުއްޖަކަށް ވެދާނެ ކަމަށްޓަކައި ކަމަށްވެސް ރަށު ކޯޓުން ކޮށްފައިވާ ވަގުތީ އަމުރުގައި ވަނީ ބަޔާން ކޮށްފައެވެ.
އަބްދުﷲ އަލީގެ ދަރިފުޅުގެ ހަޟާނާތުގެ މައްސަލައިގައި ނެރެފައިވާ ވަގުތީ އަމުރުގައިވާ ކަންކަމަށް ބަލާއިރު ދަރިފުޅު ވިހެއުމާ ހިސާބުން ފެށިގެން ކުއްޖާއަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަމުން ގޮސްފައިވަނީ އަބްދުﷲ އަލީގެ މަންމަ ކަމަށް ވަގުތީ އަމުރުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އަބްދުﷲ އަލީ އެކަމާ ދެކޮޅު ހަދައެވެ. އަބްދުﷲ އަލީ ބުނާ ގޮތުގައި އޭނާގެ ދަރިފުޅަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަމުން އަންނަނީ އަބަދުވެސް އޭނާ ކަމަށެވެ. މިކަމަށް ބާރު ލިބޭ ފަދަ ގޮތަކަށް އަބްދުﷲ އަލީގެ މަންމަވެސް ވަނީ ވާހަކަ ދައްކާފައެވެ.
އަބްދުﷲ އަލީގެ މަންމަގެ ވާހަކަތަކުން އެނގޭ ގޮތުގައި އޭނާގެ މާމަދަރިފުޅު އޭނާގެ ބެލުމުގެ ދަށަށް ދެފަހަރު ވަނީ ގެންގޮސްފައެވެ. އަދި މިފަހަރު ދަރިފުޅު ގޮވައިގެން ރަށަށް ދިޔަ ފަހަރަކީ ތިންވަނަ ފަހަރުކަން އޭނަގެ ވާހަކަތަކުން އެނގެއެވެ. އޭނާ ބުނާ ގޮތުގައި އެގޮތަށް އެކިފަހަރު މަތިން ގެންދިޔަ ނަމަވެސް ދުވަސްކޮޅަކުން ދަރުފުޅު އަނބުރާ ގެންދާ ކަމަށެވެ. ދަރިފުޅަށް ކޮށްފައިވާ ޚަރަދުގެ ތަފްސީލު އެނގެން ނެތް ނަމަވެސް ދަރިފުޅުގެ ސްކޫލް ފީ ކޮންމެ މަހަކުވެސް ދައްކާފައިވަނީ އަބްދުﷲ އަލީކަން ސްކޫލުގެ ލިޔެކިޔުންތަކުން އެނގެން އެބައޮތެވެ. އެހެންކަމުން އުމުރުން ފަސްއަހަރު ވެފައިވާ ދަރިފުޅު ވިހޭދުވަހުން ފެށިގެން އެކުއްޖާއަށް ކުރާ ހުރިހާ ޚަރަދެއް ކުރަނީ ދަރިފުޅުގެ މާމަ ނޫންކަން ސާފުކޮށް އެނގެއެވެ.
މީގެ އިތުރުން ކުއްޖާގެ ބައްޕަ ކުއްޖާ ގެންގޮސްފިނަމަ ކުއްޖާއަށް ތައުލީމާއި ތަރުބިއްޔަތު ނުލިބިދާނެ ކަމުގެ ބިރު އޮތް ކަމަށް ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވާއިރު މާލެގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ޕްރީ ސްކޫލްތައް ކަމަށްވާ ލާނިން ސެންޓަރާއި، އެކްސެލް އިންޓަރނޭޝަނަލް ސްކޫލް އަދި ދޮންދޫނި ލިޓްލްލާނާސް ގައި އަބްދުﷲގެ ދަރިފުޅު ކިޔަވާފައިވާ ކަމުގެ ގެ ރެކޯޑްތައް މިނޫހަށް ވަނީ ލިބިފަ އެވެ. އެ ރެކޯޑްތަކުގައި ވާގޮތުން ދަރިފުޅުގެ ކިޔެވުމާއި ގުޅޭ ކަންކަމުގައި ސްކޫލްގެ ރެކޯޑްތަކުގައި ބެލެނިވެރިއެއްގެ ގޮތުގައިވެސް އޮތީ އަބްދުﷲ ގެ ނަމެވެ.
ކޯޓު އަމުރުގައިވާ ގޮތުން އަބްދުﷲ އަލީ އަކީ އަންހެންކުދިން ސްކޫލަށް ފޮނުވުމަކީ ކުރަންޖެހޭ ކަމެއް ނޫންކަމަށްބުނެ ވާހަކަދައްކައި ތައުލީމު ދިނުމަށް އިންކާރުކޮށް އެފަދައިން ވާހަކަދައްކާ މީހެއްކަމަށް ބުނެފައިވީ ނަމަވެސް އަބްދުﷲ އަލީގެ ދަރިންނަށް ވެކްސިންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައިވާ ރެކޯޑްތަކާއި އޭނާގެ އަންހެން ދަރި ހާޒިރުވާ ސްކޫލަކުގެ ރެކޯޑްތައްވެސް މި ނޫހުން އެއްކުރީމެވެ.
ހަޟާނާތުގެ މައްސަލަތައް ނިންމުމާއި ހަޟާނާތް ޙަވާލު ކުރުމާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތާއި ރާއްޖޭގައި އަމަލުކުރަމުން އަންނަ ޤާނޫނާއި ޤަވާއިދުތަކަށް ބަލާއިރު ފާހަގަ ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ.
އެގޮތުން އާއިލާއާ ބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ވަނީ “މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުއްޖާގެ ހަޟާނަތު ޙަވާލު ކުރުން އެންމެ އިސްވެގެންވަނީ ކުއްޖާގެ މަންމައާއެވެ” މިހެންނެވެ. ކުއްޖާގެ ހަޟާނަތު ހަވާލުކުރެވޭ މީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް އާއިލާއާ ބެހޭ ޤާނޫނުގެ 41 ވަނަ މައްދާގައި ވަނީ ބަޔާން ކޮށްފައެވެ.
ކުއްޖާގެ ހަޟާނަތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ތަރުތީބެއް އާއިލާއާބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާގައި ވަނީ ބަޔާން ކުރައްވާފައެވެ. އެއީ: (ހ) ކުއްޖާގެ މަންމަ، (ށ) ކުއްޖާގެ މަންމަގެ މަންމަ (ކިތަންމެ ދުރަށް ދިޔަނަމަވެސް) (ނ) ކުއްޖާގެ ބައްޕަ (ރ) ކުއްޖާގެ ބައްޕަގެ މަންމަ (ކިތަންމެ ދުރަށް ދިޔަނަމަވެސް) (ބ) ކުއްޖާގެ އެއްބަނޑު އެއްބަފާ އުޚުތު.
އިސްލާމީ ޝަރީއަތަށް ބަލާއިރު ކީރިތި ރަސޫލާގެ ސައްޙަ ހަދީސުން އެނގޭ ގޮތުގައި ދަރިންނާ އެދަރިންގެ މުދަލުގެވެސް ވެރިއަކީ ނުވަތަ ޙައްޤުވެރިއަކީ ދަރިންގެ ބައްޕައެވެ.
އަބްދުﷲ އަލީގެ އުފަންދަރިފުޅުގެ ހަޟާނަތު މާމައަށް ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވަނީ އަބްދުﷲ އަލީ ބުނާ ގޮތުގައި އޭނާގެ ބަހެއް، ބަޔާނެއް، ހޯދުމެއް ނެތި އެއްފަރާތުން ދީފައިވާ “ހަގީގަތާ ޚިލާފު” މައުލޫމާތުގެ މައްޗަށް ބިނާ ކޮށްގެންނެވެ. އަބްދުﷲ އަލީގެ ކުރީގެ އަންހެނުން އަދި ދަރިފުޅުގެ މަންމަ މި ނޫހަށް މައުލޫމާތު ދެމުން ބުނީ، ހަޟާނަތުގެ މައްސަލަ ނިންމުމުގައި އޭނާގެ ބަހެއް ހޯދާފައި ނުވެއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ސޯޝަލް ވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއްކަމަށްވާ ޤާނޫނީ ވަކީލު އަލްއުސްތާޒު މުޙައްމަދު އަގްލީމު ވިދާޅުވި ގޮތުގައި ކުއްޖެއްގެ ހަޟާނަތުގެ މައްސަލައެއް ބަލައި ވަކި ފަރާތަކާ ހަވާލުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކުއްޖާގެ ރައްކާތެރި ކަމަށެވެ. އަދި ކުއްޖާއަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކަމަށެވެ.
އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަލާއިރު މި މިއްސަލައިގައި ހިމެނޭ އަބްދުﷲ އަލީ އަކީ އޭނަގެ ދަރިފުޅު ބެލޭނެ ފެންވަރު ބުއްދީގެ ގޮތުންނާއި މާލީ ގޮތުންނާއި ހުރި މީހެއްކަން އެނގެއެވެ.
އޭނާ ވަޒީފާ އަދާކުރަމުންދަނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އިސް މަގާމެއްގައެވެ. މާލޭގައި ދިރިއުޅެނީ އަނތްބަކާއި ތުއްތު ދަރިފުޅަކާއެކު ވަކި އެޕާޓްމެންޓެއްގައެވެ. މި ނޫހުގެ ފަރާތުން އަބްދުﷲ އަލީގެ އެޕާޓްމެންޓް ބެލިބެލުމުން އެމާހައުލަކީ ކުޑަކުދިން ދިރިއުޅުމަށް މާލެއިން މިހާރު ލިބޭނެ އެންމެ ތަނަވަސް އަދި ފަހި މާހައުލެއްކަން އެނގެއެވެ.
މިކަންކަން މިހެން އޮތްއިރު އޭނާގެ ދަރިފުޅުގެ ހަޟާނަތުގެ މައްސަލަ އޭނާގެ އެއްވެސް ބަހެއް ނެތި އޭނާއާ ދެކޮޅަށް ނިމިގެން ދިއުމަކީ ޤާނޫނާ ޤަވާއިދުތަކަށް ބަލާއިރު ސުވާލު އުފެދޭ ކަމެކެވެ.
މާމައަށް ދަރިފުޅު ދިނުމަށް ކޯޓުން ކުރި އަމުރު – ސުވާލު އުފެދޭ އެތައްކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ