އަހުމަދު ރަޝީދު ޕީއޭން ވަކިވެއްޖެ ކަމުގެ އަޑުތައް އަރައިފި

ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ލ. އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެ ޕާޓީން ވަކިވެއްޖެކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ. އަދި އޭނާއާ ހަވާލާދީ ބައެއް މީޑިއާތަކުން އެ ޚަބަރު ވަނީ ރިޕޯޓްކޮށްފަ އެވެ.
އަހުމަދު ޕީއޭ އިން ވަކިވެވަޑައިގަތްކަން އެ ޕާޓީއަކުން ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު "ރޭ ވެސް ޕާޓީ އޮފީސް ތެރޭގައި އޭނާ އުޅުނު" ކަމަށް ޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އޭނާ އަކީ އަދިވެސް ޕީއޭގެ މީހެއް،" އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު އަހުމަދު ރަޝީދު ވަނީ އެމްއެންބީސީ ވަން އާއި ބައެއް އެހެން މީޑިއާތަކަށް ޕީއޭ އިން އޭނާ ވަކިވެވަޑައިގަތް ވާހަކަ ވިދާޅުވެފަ އެވެ. އިއްޔެ ރެއިން ފެށިގެން އޭނާގެ ފޯނު ނިންވާލާފައި އޮތުމުން އަހުމަދުގެ ބަހެއް "ހަވީރަ"ށް ލިބޭ ގޮތެއް އަދި ނުވެ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަހުމަދު މިވަގުތު ބޭނުންވަނީ މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނަވާށެވެ. އެކަމަކު އަނެއްބައި ފަރާތްތަކުން ބުނާ ގޮތުގައި އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތުން ވެސް ކައިރި އެވެ. ދާދި ފަހުން އެމްޑީޕީގެ ބައެއް އިސް ފަރާތްތަކާ އެކު އަހުމަދު ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް ވެސް، ނޫހުގައި ނަން ނުޖަހަން ބޭނުން، ބައެއް ފަރާތްތަކުން ބުނެ އެވެ.
މަޖިލިހުގައި ހިމެނޭ ޕީއޭގެ އެއްވެސް މެމްބަރަކު މީގެ ކުރިން ޕާޓީން ވަކިވެފައެއް ނުވެ އެވެ. އެހެންކަމުން އަހުމަދު ރަޝީދު ވަކިވެވަޑައިގަތުމަކީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕަށް އަންނާނެ އުނިކަމެކެވެ.
ބައެއް މީހުން ބުނާ ގޮތުގައި އަހުމަދުގެ ވިސްނުން ބަދަލުކުރައްވާތޯ ޕީއޭގެ އިސް ވެރިން ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ. އޭނާ ހުންނެވި ގޮތާ ބެހޭ ގޮތުން މިހާތަނަށް ޕީއޭ އިން އެއްޗެކޭ ބުނެފައި ނުވަނީ ވެސް އޭނާގެ ޚިޔާލު ބަދަލުވެދާނެ ކަމަށް ޕާޓީ އަށް ހީވާތީ ކަމަށް ވެސް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ