ސުޕްރީމް ކޯޓުގައި އަލަށް އުފައްދާފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް އެ މަގާމަށް މީހަކު އައްޔަންކޮށްފި އެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އައްޔަންކުރީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ސުޕީރިއާ ކޯޓްތަކުން ހޮވާފައިވާ ޖިނާއީ ކޯޓުގެ ގާޒީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބުދުލްގަފޫރު އެވެ. އޭނާ މިހާރު ސުޕްރީމް ކޯޓަށް ވަޒީފާ އަށް ނުކުންނަވާ ކަމަށް ވެސް "ހަވީރަ"ށް ވަނީ އެނގިފަ އެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލެއް އައްޔަން ކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ބުރާސްފަތި ދުވަހު ކަށަވަރުކޮށްދެއްވި އެވެ.
"އެ މަގަމާށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން އެންގީ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެކަން ބަލަމުން އަންނާތީ. އެގޮތަށް ހުށަހަޅާ ޝަކުވާތަކުގެ ތަފްސީލު އޮންނަނީ ހާމަކުރާ ގޮތަކަށް ނޫން،" މުއައްވިޒް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ސުޕްރީމް ކޯޓަށް ގުޅުމުން ބުނީ އޮޅުންފިލުވަން ބޭނުންވާ ކަމެއް ލިޔުމުން ފޮނުވުމަށެވެ.
ސުޕްރީމް ކޯޓުން މެއި 15 ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްކަމުގެ މަސްއޫލިއްޔަތުތަކީ އެ ކޯޓުގެ އިދާރީ، މާލީ، އިޖުރާއީ އަދި ގާނޫނީ ކަންތައްތައް ހިނގަމުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންތައް ކުރުމެވެ. އަދި ސުޕްރީމް ކޯޓުގެ ޑިވިޒަންތަކާއި ޔުނިޓްތައް ހިނގައިނުހިނގައި ގޮތް ބެލެހެއްޓުމާއި ކަމާ ބެހޭ ރިޕޯޓް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައި ގޮތެއްގެ މަތިން އެ މަޖިލީހަށް ހުށަހެޅުމާއި ފަނޑިޔާރުންގެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް ކޯޓުގެ އިދާރީ ކަންތައް ހިންގައި ބެލެހެއްޓުމަކީ ވެސް ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އެވެ.
އޭސީސީގެ އެންގުމާ ހިލާފަށް ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ