ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސްއަޅާ ކަމަށްބުނެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް

ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުރަސްއަޅާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 09 ޖަހާއިރެވެ. ވަރަށް ކުއްލި ގޮތަކަށް މިރޭގެ ކޮމިޓީ ބާއްވަން ނިންމާފައިވާއިރު، ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.  ޖުޑިޝަލް ކައުންސިލް އިން ބައްދަލުކުރަނީ ޖުޑީޝަލް ސާވިސަސް ކޮމިޝަން ގެ ގާނޫނަށް ގެނައި އިސްލާހުތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅަންކަމަށް މަޢުލޫމާތު ލިބެއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާތީ އެކަމާ ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްވަނީ ފާޑު ވިދާޅުވެފައެވެ. ޝިޔާމް ކުރެއްވި ޓުވީޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދާ ޚިލާފަށް ފަޔަށް ހިނި އަރައިގެން ހުކުރު ދުވަހެއްގެ ރޭގަނޑު މަޖިލިސް  ހުޅުވައިގެން ޕާޓީ މީހުން އެކަނި ތިބެ ޖުޑިޝަރީ ކޮމިޓީ ބާއްވަނީ ކޮން ނުފޫޒެއް ފޯރުވަންތޯ ސުވާލު ކުރައްވާފައެވެ. ހެނދުނު ޖޭއެސްސީ ކޮމިޓީގައި އިނދެފައި ރޭގަނޑު ޖުޑިޝަރީ ކޮމިޓީ ގައި އިނުމަކީ ކޮން ދިމިގްރާތެއްތޯވެސް ޝިޔާމްވަނީ ސުވާލު ކުރައްވާފައެވެ. ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނަގައި ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓްތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް ހިމެނެ އެވެ.އިދިކޮޅު ފަރާތްތަކުންދަނީ އިންސާފު ޤާއިމްކުރުމުގެ ނަމުގައި ސަރުކާރުން ޖުޑިޝަރީއަށް އަތްބާނަމުންދާ ކަމަށްބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ