ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުން ނުވެސް ދަންނަން: ގާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަކީ ކޮން ބައެއްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށްލުމާ އެކު، ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެކު ޔާމީންގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އެއީ ގާސިމް އަޑީގައި ހުންނަވައިގެން އިއްވި ހުކުމެކެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އެ ތުހުމަތުތަކަށް ގާސިމްގެ އަރިސް ބައެއް ބޭފުޅުން ވަނީ މީގެކުރިން ރައްދު ވެސް ދެއްވައިފަ އެވެ.
Yameen ah hukum ivvun Qasim ge bolah!?
Mihaaru
ޖޭޕީއާ އަލަށް ގުޅުނު ބައެއްގެ ފޯމު ހަވާލުކުރުމަށް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ އަދި އެ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާއާ ދިމާލަށް މި ދުވަސްކޮޅު ތަފާތު ފާޑު ކިޔުންތައް އަމާޒު ކުރަމުންދާ ކަމަށެވެ. ގާސިމް ވިދާޅުވީ ޔާމީނަށް ހުކުމް ކުރަން "ފަނޑިޔާރުގޭގައި" އިންނެވީ އޭނާ ނޫން ކަން ދިވެހި ހުރިހާ ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
"އަޅުގަނޑެއް ނޫން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިނީ. އަޅުގަނޑެއް ނޫން ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގައި އިނީ. އަޅުގަނޑު ހުރީ، ކޮންތާކު؟ ކާކުތޯ މިއީ؟ ކީއްކުރާ މީހެއްތޯ؟ އަޅުގަނޑަށް ކިހިނެއްތޯ އެ ބުނާ ކަންތައްތަކެއް ކުރެވޭނީ؟" މަޖިލިހުގެ ރައީސް ކަން ކުރިން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގާސިމަށް ތަކުރާރުކޮށް ފާޑުކިޔަސް މަނީ ލޯންޑަރިންގެ ތުހުމަތަށް ޔާމީން އެންމެ ފުރަތަމަ ހައްޔަރުކުރުމާ އެކު ގާސިމް ވަނީ ޔާމީން ބަންދުން ދޫކޮށްލަން ގޮވާލައްވައިފަ އެވެ.
ގާސިމް އޭރު ވިދާޅުވީ "ވާނުވާ ޖަހާފައި" ޖަލަށް ނުލާން ކުރިން ވެސް ގޮވާލެއްވި ކަމަށެވެ. އަދި ޔާމީނަށް އިންސާފު ހޯދައިދޭން އޭރު ވިދާޅުނުވަންތޯ ޖަލްސާގެ ބައިވެރިންގެ އަރިހުން ގާސިމް އެއްސެވި އެވެ.
ފަހުން، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ޔާމީން މިނިވަންކޮށްފަ އެވެ.
ޔާމީނަށް ކުރި ހުކުމާ ގުޅުވައިގެން ގާސިމަށް ކުރާ ތުހުމަތަށް އޭނާ ތަކުރާރުކޮށް އިންކާރުކުރެއްވި އެވެ.
"އަޅުގަނޑާ ތިމާގެ، އަޅުގަނޑު ދަންނަ މީހަކު ވެސް އެ ތަނުގައި ނޫޅޭނެ. ތިމާގެ މީހަކު ވެސް ނޫޅޭނެ. ދަންނަ މީހަކު ވެސް ނެތް އެ ބެންޗަކު،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާއާ ހަމައެކަނި ދިމާވީ ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި، އަދި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އަހުމަދު ހައިލަމްއާ އެވެ. އެއީ އޭނާގެ މައްޗަށް ކުރި ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ޝަރީއަތަށް ހާޒިރުވެވަޑައިގެންނެވި ދުވަހެއްގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގެ ހުކުމް އައުމާ ގުޅިގެން އެ ހުކުމްގެ އިސްތިއުނާފް މަރުހަލާތައް ވެސް އަދިވެސް އެބައޮތް ކަމަށެވެ. އޭނާއާ ދިމާލަށް އިދިކޮޅު ފަރާތްތަކުން ތަފާތު ތުހުމަތުތައް ކުރަނީ އެއްވެސް ހަގީގަތެއް އޮވެގެން ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ޔާމީންގެ މައްޗަށް އިއްވި ހުކުމާ ގުޅުވައިގެން ވާހަކަ ދައްކަނީ ޕީޕީއެމް ދޫކޮށް، ޖުމްހޫރީ ޕާޓީއާ ބަޔަކު ގުޅިދާނެތީ އެކަމުގެ ބިރަށެވެ. ގާސިމް ވިދާޅުވީ ދިވެހިންނަކީ މޮޔައިން ނޫން ކަމަށާއި އަމިއްލަ ފިކުރުގައި އެ މީހުން ގޮތް ނިންމާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ތަފާތު މިންގަނޑެއް ނުގެންގުޅޭނެ އެވެ. އަދި އެންމެ "ދޮރެއްގައި ޓަކި" ޖަހާ އިރަށް އެ ދިވެއްސަކު ބޭނުންވާ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ