ޑިސެމްބަރު ހަތަރު ވަނަ ދުވަހު ރޭ ހުޅުމާލެ ރީތި ގަސް މަގުގައި މަރާލާފައި އޮއްވާ ފެނުނު ގާސިމް އަށް ހަމަލާދިން ވަޅި ހޯދި ގޮތް ފުލުހުން އާއްމުކޮށްފިއެވެ.
ގާސިމް މަރާލި މައްސަލާގައި ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދުއެވެ. އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައެވެ.
ގާސިމްގެ މަރާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިއަދު މެންދުރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ސާމިހު މުހައްމަދު ވިދާޅުވީ، ގާސިމް މަރާލި ދުވަހުގެ މެންދުރު މާލޭގައި އިތުރު މީހަކާއެކު މަސްތުވާތަކެތި ބޭނުން ކުރުމަށް ފަހު އަދުހަމް މުހައްމަދު ހުޅުމާލޭގައިވެސް އިތުރު ފަރާތަކާއެކު މަސްތުވުމަށް މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމަށެވެ.
ސާމިހު ވިދާޅުވީ، އަދުހަމް ހުޅުމާލެ ގޮސްފައި ވަނީވެސް ފޭރެން ކަމަށް އޭނާ ފުލުހުންގެ ތަހުގީގަށް މައުލޫމާތު ދީފައި ވާ ކަަމަށެވެ.
"މިގޮތަށް އަދުހަމް މުހައްމަދު ފޭރެމުން ދަނީ އަދުހަމް މުހައްމަދުގެ ޒަރޫރުތައް ފުއްދުމަށްޓަކައި ފައިސާ ހޯދަން ކަން ފާހަގަކޮށްލަން. އެގޮތުން މަސްތުވާތަކެއްޗާއެކު އޭނާގެ ދިރިއުޅުމުގެ އެކި އެކި ޒަރޫރުތައް ފުއްދުމަށް".
އަދި އަދުހަމް ފޭރުމަށްޓަކައި މަސްވެގެން ހުޅުމާލޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވި ކަމަށް ސާމިހު ވިދާޅުވިއެވެ.
"ވަކި ޓާގެޓެއް ނެތި ހުޅުމާލޭގައި އެވަގުތު ދިރިއުޅެމުން ދިޔަ، އޭނާއަށް އެ މީހެއްގެ އަތުން ފޭރިދާނެ ހެން ހީވާ ކަހަލަ މީހެއްގެ އަތުން ފޭރުމަށްޓަކައި އޭނާ ދިޔައީ ފާރަވެރިވެ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަން".ސާމިހު ވިދާޅުވިއެވެ.
ނަމަވެސް އޭނާއަށް އެކަން ކުރެވޭނެ ގޮތް ނުވީ ފުލުހުން އެވަގުތު ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާ މިންވަރު ގިނެވެގެން އެކަން ނުކުރެވުނީ ކަމަށް އޭނާ މައުލޫމާތު ދިން ކަމަށާއި، ނަމަވެސް ރޭގަނޑު ވާން ކައިރިި ވުމުން އޭނާ މަސައްކަތް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން އެކަން ކުރަން ކަމަށް ސާމިހު ވިދާޅުވިއެވެ.
"އެެގޮތުން ހުޅުމާލޭގެ ކެފޭއަކުން ވަޅި ހޯދައިގެން، ވަޅި ހިފައިގެން، ވަޅި އޭނާގެ ޖިންސުގެ ތެރެއަށް ލައިގެން ފޮރުވައިގެން ހުރެ ފޭރުމަށްޓަކައި އޭނާ ދިޔައީ ފުރުސަތު ހޯދަމުން". ސާމިހު ވިދާޅުވިއެވެ.
އަދި އޭނާ އެގޮތަށް މަސައްކަތް ކުރުމުންވެސް އެ ފުރުސަަތު އޭނާއަށް ނުލިބުނީ ކަމަށް ސާމިހު ވިދާޅުވިއެވެ. އަދި ދެން އޭނާ ގަސްތު ކުރީ ހުޅުމާލެ އިން ޓެކްސީ އެއް ނަގައިގެން އެއާޕޯޓަށް ގޮސްގެން އެ މަސައްކަތް ކުރަން ކަމަށެވެ. ނަމަވެސް އެއާޕޯޓުން އެކަން ކުރުަމަށް އޭނާއަށް ފުރުސަތު ނުލިބި ގާސިމްގެ ޓެކްސީގައި އޭނާ އެނބުރި ހުޅުމާލެ އައީ ކަމަށް ސާމިހު ވިދާޅުވިއެވެ.
"މިގޮތަށް ހުޅުމާލެ ދިއުމަށް އޭނާ އެރި ޓެކްސީ ޑްރައިވަރަކީވެސް އޭނާގެ ޝިކާރައެއްގެ ގޮތުގައި ކަނޑައަޅާފައި، އެހެން ނަމަވެސް އެ ޓެކްސީ ޑްރައިވަރުގެ ވާހަކަދެއްކުންތަކުންނާއި، އެ ނޫން ގޮތްގޮތުން އޭނާއަށް ލިބުނު މައުލޫމާތުުން އެއީ އެންމެ އެކަށީގެންވާ މީހާ ނޫން ކަމަށް ގަބޫލުކުރެވި އެ ޓެކްސީ ޑްރައިވަރަށް އޭނާ ހަމަލާ ނުދީ ބިރުދަައްކަން އޭނާ މަސައްކަތްކޮށްފައި ނުވާ ކަމަށް". ސާމިހު ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ، އޭނާ އެ ކެފޭއިން ވަޅި ހޯދީ މަސްކަނޑަން ކަމަށް ބުނެއެވެ.
ސްޕްރީޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މިއީ ސިދާ ގާސިމް ހަސަންއަށް ޓާގެޓްކޮށްގެން ހިންގާފައިވާ ހާދިސާއެއް ނޫން ކަމަށެވެ.
ގާސިމް އަށް ހަމަލާ ދިން ވަޅި ހޯދި ގޮތް އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ