ޖޭޕީން އެދުނީ ކުރެންދޫ ދާއިރާގެ ނަތީޖާ އަލުން ގުނުމަށް އަމުރެއް ހޯދަން: ވަކީލު

ޖުމްހޫރީ ޕާޓީން ހައިކޯޓުގައި އެދިފައި ވަނީ ކުރެންދޫ ދާއިރާގެ ވޯޓުފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ކަމަށް އެ ޕާޓީގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމް ވިދާޅުވެއްޖެއެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދައުވާކޮށް، ޖުމްހޫރީ ޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަލީމް ވިދާޅުވީ، ދައުވާ ފޯމްގެ ތަފްސީލްގައި އިބާރާތްކުރެވިފައިވާ ގޮތުން، އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް އެދިފައިވާ ކަމަށް ދޭހަވި ނަމަވެސް ޖުމްހޫރީ ޕާޓީން އެދިފައި ވަނީ ވޯޓު ފޮށި އަލުން ގުނުމަށް އަމުރެއް ނެރެދިނުމަށް ކަމަށެވެ.
ހަލީމް ވިދާޅުވީ އެގޮތަށް އެދިފައި ވަނީ ކުރެންދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްބާރީ އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު މޫސާއާ ދެމެދު ހަތް ވޯޓުގެ ތަފާތު ހުރި އިރު، ބާތިލް ވޯޓުގެ އަދަދު 11 އަށް އަރާފައިވާތީ ކަމަށެވެ. އަދި އަލުން ގުނައިފިނަމަ އަހްމަދު މޫސާ އަށް އިންތިޚާބު ކާމިޔާބުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބާތިލް ވޯޓު ސައްޚަ ވޯޓުގެ ގޮތުގައި އަދި ސައްޚަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް ކެންޑިޑޭޓްގެ މަންދޫބުން ބުނެފައިވާ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ޖުމްހޫރީ ޕާޓީން އެ މައްސަލައިގައި ހެކީން ހުށަހަޅާފައިވާ އިރު، ހެކި ހުށަހެޅި ސަބަބާއި އޭގެ ތަފްސީލުތައް ހިމަނާފައިނުވާ ކަމަށެވެ.
އެ މައްސަލައިގެ ތެރެއަށް އެމްޑީޕީގެ ފަރާތުން ވަނީ ތަދައްޚުލްވެފަ އެވެ. އެ ޕާޓީގެ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ވޯޓުގެ ސައްޚަކަމާ މެދު ސުވާލު އުފައްދައި އިލެކްޝަންސް ކޮމްޕްލަޔަންސް ބިއުރޯއަށް ޝަކުވާ ހުށަހަޅާފައިނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ވަކީލު ހަލީމް ވަނީ ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައިފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވި އިރު ހެކީން ހާޒިރުކުރުމާ ބެހޭ ގޮތުން ފަނޑިޔާރުން ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ