ކަރަންޓް ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކުން، މިއަދުވެސް ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބޮޑުބައަކުން ރޭ ދަންވަރު ކަރަންޓް ކެނޑިގެންދިޔައީ ސްޓެލްކޯގެ ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށާއި މިއަދު ވެސް ކަރަންޓް ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. "އިންޖީނު ގެއިން ނުކުމެގެންދާ ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން އެ ހާދިސާ ދިމާވީ. ގްރައުންޑް ކޭބަލްގެ ހުރިހާ މައްސަލައެއް ވެސް ޑިރެކްޓްކޮށް މިއައީ އާ އިންޖީނަށް، އެހިސާބުން އޭތި ނިވުނީ. ދެން ހުރި އެންމެ ބޮޑު އެއްޗަށް ވެސް އެވަގުތު ހުރި އެންމެ މަތީ ލޯޑް ހިފައިގެން ތެދުވަން ދަތިވުމާއެކީގައި އެވެސް ނިވުނީ،" ރޭގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވި އެވެ. ސްޓެލްކޯގެ ސީނިއާ މެނޭޖްމަންޓް ޓީމާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްޝުކޫރު ވިދާޅުވި ގޮތުގައި، އިންޖީނެއް ކަނޑާލުމުގެ ކުރިން ނުވަތަ ކެނޑުމުގެ ކުރިން އިންޖީނުތައް ބާރުބޮޑުވެ ގެއްލުމެއް ލިބިދާނެތީވެ، އޮންނަ ޕްރޮގްރާމްގެ ދަށުން އަމިއްލައަށް ދާނީ ކަރަންޓް ކެނޑިގެންނެވެ. އެގޮތުން ރޭގެ ހާދިސާގައި ސްޓެލްކޯއަށް އަލަށް ގެނައި 8.9 މެގަވޮޓްގެ ޖަނަރޭޓަރާއި ދެން ބަހައްޓާފައި ހުރި އަށް މެގަވޮޓްގެ ޖަނަރޭޓަރު ނިވުނު އިރު، ސްޓެލްކޯގައި ބާކީ ހުރި ޖަނަރޭޓަރުތަކަށް ވެސް ބާރުބޮޑުވެ އަމިއްލައަށް ނިވުނީ ކަމަށް އަބްދުއްޝުކޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރޭ ހިނގައިދިޔަ ހާދިސާގެ ސަބަބުން މާލޭގެ ތިންބައި ކުޅަ ދެބައަށްވުރެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިގެންދިޔަ ކަމަށެވެ. އަދި ކަރަންޓް ދިނުމަށް ލަސްތަކެއްވީ މެއިން ސްޓޭޝަނުން ބޭރުގައި ހުރި ސަބް ސްޓޭޝަންތަކުން ވަކިވަކިން ކަރަންޓް ދޭން ޖެހުމުންކަމަށެވެ. "މިހާރު ވެސް މިހިރީ އެއްކޮށް ހައްލުވެފައެކޭ ނުއެއް ދެންނެވޭނެ. އެހެން ވެގެން އަޅުނގަޑުމެން ދަންނަވާލީ ހޫނުގަދަވާ ގަޑިތަކުގައި އަދިވެސް އެކި ހިސާބުތަކުން ކަރަންޓް ކެނޑިގެންދާނެ ކަމަށް. ނަމަވެސް ހަލާކުވި ކޭބަލް މިދަނީ މަރާމާތުކުރަމުން. ވީހާ ވެސް އަވަހަކަށް އެ މަރާމާތުކުރުމަށް ފަހު އެޔަށް ކަރަންޓް ދެވުނީމަ އެއްކޮށް ހައްލުވިކަމަށް ދެންނެވޭނީ،" އަބްދުއްޝުކޫރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މާދަމާގެ މެންދުރުކުރިން ހަލާކުވި ކޭބަލް މަރާމާތުކޮށް އެ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށާއި ނަމަވެސް އާ ޖަނަރޭޓަރު ބަހައްޓަމުންދާއިރު އެ ޖަނަރޭޓަރުގެ ޓެސްޓުތައް ކުރުމަށް ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. "މިއަދު ވެސް އައިސްތިބި އިންޖިނިއަރުން ބޭނުންވި މިހާރުން މިހާރަށް ވެސް ޓެސްޓުތައް ކުރަން. އެކަމަކު އަޅުނގަޑުމެން އޮންނާނީ ކުޑަކޮށް މަޑު ޖައްސާލާފައި މި ދިމާވި ހާދިސާ ހައްލަކަށް އަންނަންދެން،" އަބްދުއްޝުކޫރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ