ކޮވިޑް ފިޔަވަޅުތަކަށް ދެކުނު އެފްރިކާއިން ލުއިދެނީ

ކޮވިޑް-19 އާ ގުޅިގެން ދެކުނު އެފްރިކާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ. މި ގޮތުން، ޢިމާރާތްތަކުގެ އެތެރޭގައި މާސްކު އެޅުމާއި، އެއްވުންތަކުގެ އަދަދު ހަނިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވައިލާފައެވެ. މީގެ އިތުރުން، އެ ޤައުމަށް ދަތުރުކުރާ ފަތުރުވެރިންނަށް ވެސް މި ވަނީ ލުއިތަކެއް ދީފައެވެ.
ފަތުރުވެރިންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް. ޓެސްޓެއް ހަދައި ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އުސޫލު އުވައިލުން ހިމެނެއެވެ. މީގެ ސަބަބުން، އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއިފަސޭހަ ވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ލިންޑިވޭ ސިސޫލޫ ވިދާޅުވިއެވެ.
އެފްރިކާ ބައްރުގައި އެންމެ ހަލުވި ކަމާ އެކު ކޮވިޑް ފެތުރިފައި ވަނީ ދެކުނު އެފްރިކާގައެވެ. އެ ޤައުމުގައި 3.9 މިލިޔަން މީހުންނަށް މި ބަލި ޖެހިފައި ވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު 101,000 އަށްވުރެ މައްޗަށް އަރައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރިގެން ދިޔަ "އޮމިކްރޯން" ވޭރިއަންޓު ވެސް އެންމެ ފުރަތަމަ ފެނުނު އެއް ޤައުމަކީ ދެކުނު އެފްރިކާއެވެ.
އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ޖޯ ޕާޝާ ވިދާޅުވީ، ކޮވިޑްގެ އަދަދުތައް ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް، މި ބަލީގެ ބިރުވެރިކަމާއި ނުރައްކާތެރި ކަން ފިލައިގެން ނުދާކަމަށެވެ. އަދި، މި ބަލިން ދިފާޢުވުމަށް އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ދިނުން މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
ޖޯ ޕާޝާ މިހެން ވިދާޅުވިނަމަވެސް، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައެއް ނުވެއެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ އާބާދީގެ އެންމެ 46 އިންސައްތަ މީހުންނެވެ. އިތުރު މީހުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރާ ނަމަ، އެ ޤައުމުގެ ސްޓޮކްގައި ހުރި ފައިޒަރ ވެކްސިންގެ 8 މިލިޔަން ޑޯޒްގެ މުއްދަތު ހަމަވެ، ބޭކާރުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ