ޖުމްހޫރީ ޕާޓީގެ ވެރިކަމެއް އޮތް ނަމަ ޖީއެމްއާރު މިގައުމުގައި ނޯންނާނެ - ގާސިމް

ޖީއެމްއާރާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ގެންދަނީ ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު ނޫންކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއް މިޤައުމުގައި އޮތްނަމަ މިހާރު ޖީއެމްއާރު މިރާއްޖޭގައި ނޯންނާނެކަމަށް އެޕާޓީން ބުނެފިއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިރޭ ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުމަކީ ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ކުރެވިފައިވާ އެއްބަސްވުމެއް ނޫންކަމަށާއި ޖީއެމްއާރުގެ އެއްބަސްވުމާއި ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން ވެފައިވާ އެގްރީމެންޓަށް ޖުމްހޫރީ ޕާޓީން އަދިވެސް ފުރިހަމައަށް އިހުތިރާމް ކުރާކަމަށެވެ.
ޖުމްހޫރީ ޕާޓީން އޮތީ އެ އެގްރީމެންޓާއި އެއްގޮތަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށްކަން ހާމަކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ މިއަދު ޖުމްހޫރީ ޕާޓީގެ ވެރިކަމެއް މި ރާއްޖޭގައި އޮތްނަމަ ޖީއެމްއާރުގެ އަތުން އެއަރޕޯޓް އޮންނާނީ އަތުލާފައިކަމަށެވެ.
މި މައްސަލައަކީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ގުޅިފައިވާ ވަރަށް މުހިއްމު މައްސަލައެއްކަމަށާއި ޖީއެމްއާރުއަތުން އެއަރޕޯޓް އަތުލަން ޖެހެނީ ކޮންމެ އަގެއް ދީގެންކަމަށް ވީނަމަވެސް އެކަން ކުރާނެކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. އަދި ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ދިވެހި ރައްޔިތުންނަށް ބަޔަކު ދީފައިވާ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ތުހުމަތުގެ އިނގިލި ދިއްކުރާއިރު މިފަދަ ވާހަކަ ދައްކަމުން ގެންދާ ފަރާތްތަކުގެ ނިޔަތާއި އިޚްލާސްތެރިކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ