ރާއްޖެއިން ހައްޔަރުކުރި "ހެކަރު" މިނިވަންކުރަން ކޯޓުން ދެކޮޅު ހަދައިފި

ރާއްޖޭގައި ހުއްޓާ ހައްޔަރުކުރި ރަޝިއާގެ ރޯމަން ވެލެރެވިކް ސެލެޒްނޯވް ބަންދުން މިނިވަންކޮށް ދިނުމަށް އޭނާގެ ދިފާއީ ވަކީލުން އެދުނު ނަމަވެސް ކޯޓުން އެކަމަށް ދެކޮޅު ހަދައިފި އެވެ. ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓާ ހައްޔަރުކުރި ސެލެޒްނޯވް ބަންދުން މިނިވަން ކޮށްދެވެން ނެތް ކަމަށް ނިންމީ އޭނާ މިހާރު ބަންދުކޮށްފައި ހުރި އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ގުއާމްގެ ކޯޓުންނެވެ. ހެކަރެއް ކަމަށް ބުނެ އެމެރިކާގެ ސީކްރެޓް ސާވިސް އޭޖެންޓުން ރާއްޖޭން ގެންދިޔަ ސެލެޒްނޯވް ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމަވަމުން އެ ކޯޓުގެ އިސް ފަނޑިޔާރު ވިދާޅުވީ ސެލެޒްނޯވް ރާއްޖޭގައި ހައްޔަރުކޮށްފައިވަނީ ހައިރާންވާ ފަދަ އަދި ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ. ސެލެޒްނޯވް ބަންދުން ދޫނުކުރަން ގުއާމްގެ ކޯޓުން ނިންމި ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ހަމަޖެހިފައިވާ ވޮޝިންޓަންގެ ފެޑެރަލް ކޯޓުގައި އޭނާ ބަންދުން މިނިވަންކޮށް ދިނުމަށް އަލުން އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ގުއާމްގެ ކޯޓުގެ އިސް ފަނޑިޔާރު ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އޭނާގެ ދ ި ފ ާ އ ީ ވަކީލުން ދަނީ އޭނާ ވޮޝިންޓަނަށް ގެންދަން އުޅޭތީ އެކަން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. ސެލެޒްނޯވް ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ދެ ލައްކައަށް ވުރެ ގިނަ މީހުންގެ ކްރެޑިޓް ކާޑުތަކުގެ ނަމްބަރުތައް ހެކްކޮށްގެން އޭނާ ހޯދި ކަމަށް ބުނެއެވެ. ސެލެޒްނޯވް ރާއްޖެއިން ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާއާ އެކު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް ހުއްޓާ އެމެރިކާގެ އޭޖެންޓުންތަކެއް ކަމަށް ރަޝިއާ އިން ބުނެ އެވެ. އެކަމަކު އެކަން ދޮގުކޮށް ދިވެހި ސަރުކާރުން ބުނެފައި ވަނީ އޭނާ ހައްޔަރުކުރީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ. ސެލެޒްނޯވް ހައްޔަރު ކުރުމަށް ފަހު އޭނާ ގެންދިޔައީ އެމެރިކާގެ މަތިންދާބޯޓެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ