ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީގެ އިސް ބައެއް ބޭފުޅުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއީދުކުރެއްވުމަށް ނިންމަވައިފި އެވެ.
މިކަން އިއުލާންކޮށްފައިވަނީ ޖުމްހޫރީ ގުޅުމުގެ ފަރާތުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. އެގޮތުން އެޕާޓީގެ ލީޑާޝިޕްގައި ތިބި މެންބަރުން ވަނީ ގާސިމަށް ތާއީދުކުރެއްވިކަން ހާމަކުރައްވާފައެވެ.
ނަމަވެސް އެއީ ކައުންސިލުން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް މިހާރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ އިއްތިހާދުގެ ބޭފުޅުން ވިދާޅުވެފައިވެ އެވެ. ކައުންސިލްގެ ނިންމުމެއް ކަމުގައިނުވި ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ އިއްތިހާދު ޕާޓީގެ ލީޑާޝިޕުން ފެންނަ ގިނަ މޫނުތަކެއް ފެނިގެން ގޮސްފައިވެ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް މެންބަރު އަދި ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދާއި އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ އާއި ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ އާއި އަހުމަދު ޝަމީމާއި އަދުނާން ޔޫސުފެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީން ޖުމްހޫރީ ގުޅުމާއި ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ގައުމީ އިއްތިހާދުން ބައިވެރިވުމަކީ މިމަހުގެ 19 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތުގައި ދިން ހިތްވަރެއް ކަމަށެވެ.
ގާސިމް ވިދާޅުވީ މިއަދު ފެނިގެން މިދަނީ އިންތިހާބު ކާމިޔާބުކުރާނެ މަންޒަރު ކަމަށާއި ގައުމީ އިއްތިހާދު ޕާޓީން ޖުމްހޫރީ ގުޅުމަށް ދިން އިތުބާރަށްޓަކައި ވަރަށް އިހްލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.
ގައުމީ އިއްތިހާދު ޕާޓީގެ މެންބަރުން މާޔޫސްވިޔަ ނުދެއްވާނެ ކަމަށާއި އޭގެ ބަދަލުގައި އެ މެންބަރުން އުފާކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ގިނަ ބައެއް އެއްވެ، އެއް ހިޔާލެއްގައި އެއް އަމާޒެއްގައި މަސައްކަތްކުރާ ބައެއް ކަމަށާއި ގާސިމް އިބްރާހިމަކީ ވެރިކަމަށް ގާބިލް "ކޮނޑު ފުޅާ" ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.
6000 މެންބަރުން ހިމެނޭ ގައުމީ އިއްތިހާދު ޕާޓީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން ގާސިމަށް ތާއީދުކުރެއްވިއިރު ރައީސް ވަހީދު ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައި އިންތިހާބުގައި އެއްވެސް ފަރާތަކަށް ތާއީދު ނުކުރައްވަން ނިންމަވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމީ އިއްތިހާދުގެ ބޭފުޅުން ވިދާޅުވީ ގައުމުގެ ހާލަތު އޮތް ގޮތުން މިގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި ޖުމްހޫރީ ގުޅުމަކީ ވަރަށް ގިނަ ޕާޓީތަކެއް އެކުލެވޭ ގުޅުމަކަށްވާތީ އެންމެން ގުޅިގެން މިގައުމުގައި ހުރި ދާހިލީ އަދި ހާރިޖީ އަނދަވަޅުން ސަލާމަތްކޮށް މިނިވަންކަމާއި ދީނާއި މުސްތަގިއްލުކަން ދަމަހެއްޓުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
ގައުމީ އިއްތިހާދު ޕާޓީގެ އިސް ބައެއް ބޭފުޅުން ގާސިމަށް ތާއީދުކުރެއްވުމަށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ