އިދިކޮޅު ކެންޑިޑޭޓަކަށް ގާސިމް ވުމަކީ ޖޭޕީގެ ވަރަށް ބޮޑު އުންމީދެއް - ސަމީރު

މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވުން އެއީ އެ ޕާޓީން އެންމެ ބޭނުންވާ ގޮތް ކަަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އުންމީދެއް ކަމެއް ކަމަށެވެ.
ސަމީރު ވިދާޅުވީ މިވަގުތު އެންމެ ފުރަތަމަ ކަމަކަށް ބަލަނީ ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިހާރު ތިބި ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމަށެވެ.
" އެމްޑީޕީން މަސައްކަތް ކުރައްވާނެ، އެބޭފުޅުންގެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެރުމައްޓަކައި. އަޅުގަނޑުމެން މަސައްކަތް ކުރާނެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރުމަށްޓަކައި. އެނޫން ޕާޓީތަކުން ވެސް މިގޮތަށް މަސައްކަތް ކޮށްފާނެ،" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އުންމީދު ކުރަނީ މިހާތަނަށް ތަޖުރިބާކޮށްފައި ނެތް ބޭފުޅެއް ވެރިކަމަށް އައުން ކަމަށެވެ.
" ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތްކުރާ އެއް ބޭފުޅަކީ ގާސިމް، މިހާލަތުގައި ގައުމަށް ހައްލެއް ހޯދުމަށް އެންމެ ފަސޭހަވާނެ ބޭފުޅަކީ ގާސިމް" ސަމީރު ވިދާޅުވިއެވެ.
ކަންކަން ހައްލު ކުރުމުގައި އެންމެންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ގާސިމްގެ ކިބައިގައި އެބަހުރި ކަމަށް ވިދާޅުވެ ސަމީރު ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގައި އިސްނަންގަވައިގެން މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން ގާސިމް ކުރި މަސައްކަތް ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ސަމީރު މިހެން ހާމަކުރައްވާފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެޕާޓީތަކުން ނެރޭނީ އެއް ކެނޑިޑޭޓެއް ކަމަށް ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ