ދަރިންނަށް ދޭންޖެހޭނީ ރަނގަޅު ފުރިހަމަ ތަރުބިއްޔަތެއް: އައްޝެއިޚް އަޙްމަދު މައުމޫން
ދަރިންނަށް ދޭންޖެހޭ ތަރުބިއްޔަތަކީ އެކުއްޖާގެ އަމިއްލަ ނަފްސަށާއި އާއިލާއަށާއި އަދި މުޖުތަމައަށް ފައިދާހުރި ތަރުބިއްޔަތެއްކަމަށް އައްޝައިޚް އަހުމަދު މައުމޫން ވިދާޅުވެއްޖެއެވެ. މައުމޫން މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށް ގެންދާ ހުކުރު އުފާ ފެސްޓިވަލްގެ ތެރެއިން ދަރިންތަރުބިއްޔަތުކުރުން މި މައުޟޫއަށް ރޭ ދެއްވި ސަރުސްގައި ވާހަކަދައްކަވަމުންނެވެ.ހުކުރުއުފާގެ ނަމުގައި އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރުދުވަހަކު ކުރިއަށް ގެންދާ އިސްލާމިކް ފެސްޓިވަލްގެ ތެރެއިން ރޭ ބޭއްވި ދަރުސްގައި ދަރިންނަށް ދޭންޖެހޭ ތަރުބިއްޔަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ދަރިންނަށް ދެވޭ ތަރުބިއްޔަތު ވާންޖެހޭނީ އެދަރިންގެ އަމިއްލަ ނަފްސަށާއި، އެދަރިންގެ އާއިލާތަކާއި އަދި މުޅި މުޖުތަމައަށް ފައިދާ ކުރަނިވި ތަރުބިއްޔަތެއްކަމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރަންޖެހޭނީ ދީނީ ގިއުގަނޑުގެ ތެރެއިން އެކުއްޖާއާއި ގުޅުން ހުރި ހުރިހާކަމަކުން ނުވަތަ ދާއިރާތަކަކުން ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ދުނިޔެވީ ގޮތުންވެސް މީހަކަށްވާފަދަ ތަރުބިއްޔަތަކުން ދަރިފުޅު ބޮޑުކުރަންޖެހޭކަމަށް މައުމޫން ވިދާޅުވިއެވެ.މީގެ އިތުރުން ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއްދެވޭނީ ރަނގަޅު މަންމައަކާއި ބައްޕައަކަށްކަން ބަޔާންކޮށްދެއްވަމުން ޝެއިޚް ވިދާޅުވީ ބައްޕަ ދަރިފުޅައް ހޯދައިދޭ މަންމަޔަކީ ހުރިހާ ރިވެތި ސިފަތަކަކުން ޒީނަތްތެރިވެފައިވާ މަންމައަކަށް ވާންޖެހޭނެ ކަމަށާއި ހަމައެފަދައިން މަންމަ ދަރިފުޅަށް ހޯދައިދޭ ބައްޕައަކީވެސް ދީންވެރި ރިވެތި އަޚްލާގެއް ލިބިފައިވާ މީހަކަށް ވާންޖެހޭނެކަމަށެވެ. އަދި ދަރިފުޅު ޔަހޫދީއަކަށް އަދި މަޖޫސީއަކަށްވެސް ހަދަނީ އެދަރިފުޅުގެ މައިންބަފައިންކަން ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކުން އެނގެން އޮންނަކަމަށާއި، އެހެންކަމުން ކުއްޖާގެ ޅަފަތުގެ ތަރުބިއްޔަތައް މައިންފައިން ޚާއްސަ ސަމާލްކަމެއް ދޭންޖެހޭކަން ޝެއިޚްފާހަގަ ކުރެއްވިއެވެ. އަދި ދަރިންނަށް އަބަދުވެސް ހެޔޮނަމޫނާ ދެއްކުމަކީ ވަރަށް މުހިންމު ކަމެއްކަމުގައިވެސް ޝެއިޚް ފާހަގަ ކުރައްވިއެވެ.މީގެ އިތުރުންވެސް ޝެއިޚް ވިދާޅުވީ ދަރިންނަކީ މާތްﷲ މައިންބަފައިންގެ އަތްމައްޗައް ޙަވާލު ކުރައްވާ އަމާނާތެއްކަމަށެވެ. އަދި އެދަރިފުޅައްޓަކައި ވަރަށް ބައިވަރު ކަންތައްތަކެއް ﷲ މިންވަރު ކުރައްވާފައިވާ ކަމަށާއި، އެކަންތައްތަކަށް މައިންބަފައިން ވަރަށްބޮޑައް ވިސްނަންޖެހޭކަމަށެވެ. ދަރިންގެ ޙައްގުގައި ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ޒިއްމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ބޮޑުކަން ޝެއިޚްވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ