ގާސިމް ބޭރަށް ފޮނުވުން އަވަސް ކުރަން އަންގަވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއަށް އަންގަވައިފިއެވެ.ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި އޭނާ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ ގާސިމްގެ ބަލި ހާލަތު ހުރިގޮތުންނާއި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތަށް ހެދުމާއި ލިބެންޖެހޭ ފަރުވާތަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިމާޒުތަށް ހަމަޖައްސައިދިނުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވާތީ ޑޮކްޓަރުގެ ލަފާގެ މަތިން ގާސިމްއަށް ރާއްޖެއިން ބޭރުން ހޯދަންޖެހޭ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާތުތަށް ވީހާވެސް އަވަހަކަށް ފުރިހަމަކޮށްދިނުމަށް އެދޭ ކަމަށެވެ.މިކަމާއި ގުޅޭގޮތުން ޗެނަލް ތާޓީންއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ ގާސިމް އިބްރާހިމް އަކީ ކަރެޝަނަލްސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރާ ގައިދީއެއްކަމުން އޭނާގެ ބަލިހާލަތަށް ރިއާޔަތްކޮށް ކަރެޝަނަލް ސާވިސްގެ އޮންނަ ޕްރޮސީޖާގެ ތެރެއިން ގާސިމްގެ ބޭސްފަރުވާ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވާކަމަށެވެ.އަދި އިޖުރާރުތަށް ހަމަޖެއްސުމުގައި ވަގުތު ނަގާނަމަ އެކަންކަން ހަމަޖެހެންދެން ގާސިމްގެ ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ގެންދެވުމަށާއި އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ނުވަތަ ސްޕެޝަލިސްޓުން ގެންނަން ގާސިމް ބޭނުންވާނަމަ އެ ފުރުސަތު ގާސިމްއަށް ދިނުމަށް ވެސް އަންގާފައިވާކަމަށް ވިދާޅުވިއެވެ.ރިޝްވަތު ހުށަހެޅުއްވިކަމުގެ ކުށުގެ ދައުވާ ސާބިތުވެ، ގާސިމް ތިން އަހަރާއި ދެމަހާއި ބާރަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގާސިމްއަށް ކުރި ހުކުމާއި ގުޅިގެން އޭނާ ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ ގޮނޑިވަނީ ހުސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ