ވޯލްޑް ކަޕްގައި ސަލާހު ހުއްޓުވަން އުނދަގޫވާނެ: ވެންގާ

ލަންޑަން (މާޗް 28) - އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހުއްޓުވަން އުނދަގޫވާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ކުޅުނު 41 މެޗުން 36 ގޯލު ޖަހައިފަ އެވެ. ހަތާވީސް އަހަރަށް ފަހު މިސްރަށް ފީފާ ވޯލްޑް ކަޕުން ޖާގަހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ސަލާހު އެވެ.
އުމުރުން 25 އަހަރުގެ ސަލާހަކީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިޔާ އެވެ. ވެންގާ ބުނީ ސަލާހު ދައްކަމުން އަންނަ ތަފާތުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައި ކަމަށެވެ.
"އަހަރެންގެ ވިސްނުމުގައި ބުނާއިރު ސަލާހަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އާ ޓީމަކަށް އައިސް އެ ވަރުގެ ތަފާތެއް އާދައިގެ ކުޅުންތެރިޔަކަށް ނުދެއްކޭނެ،" ވެންގާ ބުންޏެވެ.
މިދިޔަ އަހަރު އިޓަލީގެ ރޯމާގައި ދެއްކި ކުޅުމަށް ވުރެ މިހާރު ލިވަޕޫލްގައި ސަލާހު ދައްކާ ކުޅުން މާ ބޮޑުތަން ރަނގަޅުކަން ވެންގާ ވަނީ ފާހަގަކޮށްފަ އެވެ.
"އިޓަލީ އާއި އިންގްލެންޑުގައި ސަލާހު ތަފާތު ދައްކައިފި. ކޮންމެ ޓީމެއް ކޮޅަށް ވެސް ސަލާހަށް ލަނޑު ޖެހިދާނެކަން ސާބިތުކޮށްދީފި. އިންގްލެންޑުގައި އެންމެ ރަނގަޅު ޑިފެންޑަރުން ކުޅޭއިރު ވެސް ސަލާހު އެ އަންނަނީ ލަނޑު ޖަހަމުން. އޭނާ އަކީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ،" ވެންގާ ބުންޏެވެ. "ވޯލްޑް ކަޕްގައި ސަލާހު ހުއްޓުވުމަކީ ވަރަށް އުނދަގޫވާނެ ކަމެއް،"
މިދިޔަ ހަފްތާގައި އެކުވެރިކަމުގެ މެޗެއްގައި ސަލާހުގެ ލަނޑުން ޕޯޗުގަލްއާ ދެކޮޅަށް މިސްރު ލީޑު ނަގާފައިވަނިކޮށް ޕޯޗުގަލް މޮޅުކޮށްދިނީ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެ ގޯލުންނެވެ. ރޭ ސަލާހު ނުލައި ގްރީސްއާ ދެކޮޅަށް މިސްރު ކުޅުނު މެޗުން ވަނީ 1-0 އިން ބަލިވެފަ އެވެ.
ވޯލްޑް ކަޕްގައި މިސްރު އޮތީ ރަޝިއާ އާއި ސައުދީ އެރޭބިއާ އަދި އުރުގުއޭއާ އެއް ގްރޫޕެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ