ފާރިސްއާއި ގުޅޭ ތަންތަން ބަލާނަމަ ފުރަތަމަ ބަލަންވީ މާފުށީ ޖަލު: މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ގުޅޭ ތަންތަން ބަލާ ފާސްކުރާނަމަ އެންމެ ފުރަތަމަ ބަލަންވީ މާފުށީ ޖަލުކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ފާރިސް މައުމޫން ހައްޔަރުކުރުމަށްފަހު އެމަނިކުފާނާއި ގުޅޭގޮތުން ފުލުހުން ކުރަމުންދާ ތުހުމަތާއި ގުޅިގެން ހެކި ހޯދުމަށްކަމަށް ބުނެ ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެއަށް ފުލުހުން ވަނުމާއި ގުޅިގެން ފުލުހުންނާއި ވާހަކަދައްކަވަމުންނެވެ.
ފުލުހުންގެ އަރިހުގައި ރައީސް މައުމޫން ދެއްކެވި ބައެއް ވާހަކަފުޅުތައް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ މީޑިއާތަކާއި ހިއްސާކުރައްވާފައެވެ.
ޔުމްނާ ވިދާޅުވީ ފާރިސް މައުމޫނާއި ގުޅޭ ތަންތަން ބަލާ ފާސްކުރާނަމަ އެންމެ ފުރަތަމަ ބަލަންވީ މާފުށީ ޖަލުކަމަށް ރައީސް މައުމޫން ފުލުހުންގެ އަރިހުގައި ވިދާޅުވިކަމަށެވެ.
އަދި އެންދެރިމާގޭގައި ފާރިސް މައުމޫންގެ އޮފީހެއް، އެޕާރޓްމަންޓެއްވެސް ހުންނާނެކަމަށް ރައީސް މައުމޫން ފުލުހުންނަށް ވިދާޅުވިކަމަށެވެ.
މީގެ އިތުރަށް ފުލުހުން ގެންގުޅޭ ކޯޓް އަމުރުގައި ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ ފުރަތަމަ ފަންގިފިލާ ބަލާ ފާސްކުރުމުގެ ވާހަކަ ނެތުމުން އެ ފަންގިފިލާ ބަލާ ފާސްކުރުމުގެ ހުއްދަ ނުދެވޭނެކަމަށް ރައީސް މައުމޫން ފުލުހުންނަށް ވިދާޅުވިކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
191 ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ފާރިސް ހައްޔަރުކޮށްގެން ގެންގުޅެފައިވާއިރު، ފުލުހުން ގެންދަނީ މެންބަރުންތަކަކަށް ރިޝްވަތު ދިނުމުގެ ތުހުމަތު ފާރިސް މައުމޫންގެ މައްޗަށް ކުރަމުންނެވެ. މި ތުހުމަތާއި ގުޅޭ ސާބިތު އެއްވެސް ހެއްކެއް މިވީ ދިގު މުއްދަތުގައި ފުލުހުންނަށް ހޯދިފައިނުވާއިރު، އޭގެ 6 މަސްދުވަސްފަހުން އަނެއްކާވެސް ކޯޓުން އަމުރެއް ހޯދައިގެން ރިޝްވަތުގެ ތުހުމަތާއި ގުޅޭ ހެކި ހޯދުމަށް ފާރިސް ދިރިއުޅުއްވާ ގެއާއި ރައީސް މައުމޫން ދިިރިއުޅުއްވާ ގެ ފުލުހުން ބަލަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އަދި މިއީ ސިޔާސީކަމެއްކަމަށާ ފާރިސްއަށް ކުރަމުންދާ އަނިޔާއާއި ފުރައްސާރައަކީ އެމަނިކުފާނުގެ އިސްލާހީ މަސައްކަތް ހުއްޓުވާލުމަށް ކުރަމުންދާކަމެއްކަމަށް އެފަރާތްތަކުން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ