ސިޔާސީ ބޭނުމެއް އޮވެގެން ވިލާ ސިޕިންގް އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އަގުވައްޓާލާއި، ކުންފުނި ބަނގުރޫޓުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް އެކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ގޮވާލައިފިއެވެ.
ގާސިމް އިބްރާހިމް މިއަދު ނެރުއްވި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮންޕެނީގެ ނޫސްބަޔާނުގައި ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އަންގައިގެން ކަމަށް ބުނެ، ސިޔާސީ ބޭނުމެއް އޮވެގެން ވިލާ ކުންފުނީގެ އަގު ވައްޓާލައި ވިޔަފާރި ބަނގުރޫޓު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް ގޮވާލާފައެވެ.
ގާނޫނީ އެއްވެސް ސަބަބެއްނެތި ސަރުކާރުން ބާތިލްކުރި އެއްބަސްވުމާއި ހަވާލާދީ ދައްކަންޖެހޭ ފައިސާ އޮތްކަަމަށްބުނެ އެފައިސާ ހޯދަން މަސައްކަތްކޮށް އަދި ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދައްކާ ވާހަަކަތައް ހުއްޓާލުމަށް ގާސިމް ވަނީ ދައުލަތުގެ މުއައްސަސާތަކުގައި އެދިވަޑައިގެންފައެވެ.
ވިލާއަށް ނިސްބަތްވާ ކުންފުނިތަކުން ދައުލަތަށް 188 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ދައުލަތުގެ އިދާރާތަކުން ބުނަމުންދާއިރު، ވިލާ އިން ބުނީ އެއީ ސަރުކާރުން އިސްވެތިބެ ރާވައިގެން އެކުންފުންޏަށް ގެއްލުން ދިނުމުގެ ގޮތުން ހިންގަމުންދާ އަމަލުތަކެއް ކަމަށެވެ.
މީގެކުރިން ވެސް އެކުންފުންޏަށް އެކި ގޮތްގޮތަށް ގެއްލުންދޭފަދަ އަމަލުތައް ސަރުކާރުން ހިންގާފާވާކަން ފާހަގަކޮށް ވިލާ އިން ބުނީ، އެކުންފުންޏަށް ދޭން އެއްބަސްވި ރަށްތަކެއް ނުދީ، ސަރުކާރުން ލީސް އެގްރީމަންޓް ބާތިލުކޮށްފައިވާ ކަމަށެވެ. އެމައްސަލަ ޝަރީއަތުގައި ހިނގަމުންދަނިކޮށް ރަށްތައް އެހެން ބަޔަކަށް ވިއްކާލިއިރު ވިލާއަށް ދޭން ކޯޓުން ހުކުމްކުރި ފައިސާ މިއަދާހަމައަށް ވެސް ލިބިފައިނުވާކަމަށް ވިލާ އިން ބުނެއެވެ.
މީގެއިތުރުން 50 އަހަރުގެ މުއްދަތަށް ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކޮށް ހިންގުމަށް ވިލާ އެއާރ ޕްރައިވެޓް ލިމިޓެޑާއި އެކު ކުރެވުނު އެއްބަސްވުމުގެ ދަށުން އެކުންފުނިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތަށް، އެއަޕޯޓް އިތުރަށް ތަރައްގީކޮށް ހިންގަމުން ދަނިކޮށް، އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތާއި ޚިލާފަށް، އެއްބަސްވުން ބާތިލް ކޮށް ގަދަކަމުން އެއަޕޯޓަށް އަރައި އެއަޕޯޓް އަތުލާފައިވާކަމަށް ވިލާއިން ބުނެއެވެ.
އެފަދަ ކަންކަމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކަކީ ޝަރުއީ ނިޒާމުގެ ތެރޭގައި މިވަގުތު ހިގަމުންދާ މައްސަލަތަކެއްކަމުން އަދުލުވެރިކަމާއި އިންސާފުވެރި ގޮތުގައި މައްސަލަތައް ނިމިގެންދާނެކަމުގެ ފުރިހަމަ އުއްމީދާއި ޔަގީންކަން ކުރާ ކަމަށް ވިލާއިން ބުނެއެވެ.
ކުންފުނި ބަނގުރޫޓުކޮށްލަން ކުރާ މަސައްކަތް ހުއްޓާލަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ