މޫސުން އަދިވެސް ގޯސް، އަނެއްކާވެސް ވައިޓް އެލާޓް ނެރެފި

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އަދިވެސް ދިގުލައިގެން ދާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.
ދެންމެ ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ ފަތިހު 05:00 އާއި ހަމައަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މެދުތެރޭ އަތޮޅުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެކެވެ.
މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ޚާއްސަކޮށް މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ދިޔަވަރު އެންމެ ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
23 މެއި 2018 ގައި ރާއްޖޭގެ އެކިސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވާ ގަޑިތައް.
އުތުރުގެ ސަރަހައްދުތަކަށް   މިއަދު 18:39 އަދި މާދަމާ 07:56 ގައި
މެދުތެރޭގެ ސަރަހައްދުތަކަށް  މިއަދު 19:53 އަދި މާދަމާ 09:07 ގައި
ދެކުނުގެ ސަރަހައްދުތަކަށް   މިއަދު 21:20 އަދި މާދަމާ 10:19 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ