މޫސުން ގޯސްވެ ގެއްލުން ލިބުނު ރަށްތަކަށް އެހީވުމަށް ގޮވާލައިފި

ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް އެހީވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދު ގޮވާލައްވާފައި ވާތީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް އެހީ ހޯދުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީން ބުނީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހއ.ހޯރަފުއްޓާއި، ހއ.ބާރަށް އަދި ހދ.ހަނިމާދޫގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި އެ ޕާޓީގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާތީ އެރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އެކައުންޓް މެދުވެރިކޮށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރާއި އިންތިހާއަށް ކުރިމަތިލުމަށް މަޖުބޫރުވެފައިވާ މި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން ކުރިމަތިވެ، ދަތުރުފަތުރާއި މުޢާސަލާތާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ހިންގުންތަކަށް ބުރޫއަރާފައިވާ ކަމަށާއި، މިއެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި، މިދަނޑިވަޅުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ ރިވެތި މިސާލާއި އިސްލާމީ އުޞޫލު އުފަލާއިއެކު ފާހަގަކުރައްވާ ކަމަށާއި، ރައްޔިތުންނަށް ލިބިގެންދާ މި ހިތާމައިގާ ރާއްޖޭގެ ރައްޔިތުންނާއި އެކު ވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ބުނީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހއ. ހޯރަފުއްޓާއި، ހއ.ބާރަށް އަދި ހދ.ހަނިމާދޫގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި އެބޭފުޅަކަށް ވެވެން އޮތް ވަރަކުން އެހީތެރިވުމަށް އެދޭ ކަމަށެވެ.
އެގޮތުން ހޯރަފުށީގެ ރައްޔިތުންނަށް އެހީވުމަށް ހއ.ހޯރަފުށީ ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7714-700377-004 އަދި ހަނިމާދޫގެ ރައްޔިތުންނަށް އެހީވުމަށް އެ ރަށު ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7706-700320-004 އަށް ފައިސާގެ އެހީވެދެއްވުމަށް އެމްޑީޕީން އެދެއެވެ.
އަދި ބާރަށު ކައުންސިލް އިދާރާގެ އެކައުންޓް ފްރީޒްކޮށްފައިވާތީ އެ އެކައުންޓް މެދުވެރިކޮށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ކަމަށް ބާރަށު ކައުންސިލުން ބުނެފައިވާތީ ބާރަށު ކައުންސިލް އިދާރާ އާއި ގުޅައިގެން އެރަށަށް އެހީތެރިވުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެމްޑީޕީން އެދެއެވެ.
މިދިޔަ ހަފްތާގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށްކުރި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހއ.ހޯރަފުއްޓަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް އެހީތައް މިހާރު ފޮނުވާފައިވާއިރު އެރަށްތައް މިހާރު ވަނީ ގާތްގަނޑަކަށް އާންމު ހާލަތަކަށް ބަދަލުވެފައެވެ.
ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން ރަށްތަކަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށް މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ވަނީ އިއުލާންކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ