ސުޕްރީމް ކޯޓުގެ ފުރަތަމަ އޮންލައިން ޝަރީއަތުގައި ބޮޑު ހުކުމެއް

ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައި ހުކުމެއް އިއްވައިފި އެވެ.
މިއަދު 1:00 ގައި އޮންލައިންކޮށް ބޭއްވި ޝަރީއަތަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދައުވާކޮށް ބ. ތުޅާދޫ، ގުލްބަހާރުގޭ އަދުނާން ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގެ ހުކުމް ވަނީ އިއްވައިފަ އެވެ.
ބާލިގު ނުވާ އުފަން ދަރިއަކާމެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭގެ އަދަބެއްގެ ގޮތުގައި 39 އެތިފަހަރުން އަދުނާނު ހުސައިން ތައުޒީރު ކުރުމާއެކު ހަ އަހަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމުން އޭނާ ވަނީ ސުޕްރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމަވައި ހުކުމް ކުރެއްވީ ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށެވެ.
މި މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އެވެ.
ފަނޑިޔާރުންނާއި، ދައުވާކުރާ ފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދައުވާ ލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ފަނޑިޔާރުން ތިއްބެވީ ގޭގަ އެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވަނީ އޮންލައިންކޮށް ބާއްވާ ޝަރީއަތްތައް ލައިވް ކުރުމަށެވެ. ނަމަވެސް، މިއަދު ކުރިއަށް ގެންދެވުނު ޝަރީއަތުގެ މަޖިލީހަކީ އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށް ވާތީ މިއަދުގެ ޝަރީއަތް ލައިވްއެއް ނުކުރެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންގެ ދަށުން އޮފީސްތައް ބަންދު ކޮށްފައިވާތީ އާންމު އުސޫލުން ޝަރީއަތްތައް އޮތީ މެދުކަނޑާލައިފަ އެވެ. މީގެ ކުރިން ބައެއް ކޯޓުތަކުން ވީޑިއޯ ކޮންފަރެންސްކޮށް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދަނީ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާ އެކު، އެކަމަކު ފަނޑިޔާރުން ކޯޓުގައި ތިއްބަވައިގެންނެވެ.
SC ge shareeai thah online koh fashai, twitter aai youtube in live kuranee
Mihaaru
އޮންލައިންކޮށް ޝަރީއަތްތައް ފަށަން ސުޕްރީމް ކޯޓުން ނިންމުންއޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު ގަވާއިދުގައިވާ ގޮތުން މީހުން ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ހާލަތްތަކުގައި އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށެވެ. އަދި ހާލަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރާ ކޯޓު ރޫމުގައި ނުވަތަ އެ ނޫން އެހެން ތަނެއްގައި ވެސް ފަނޑިޔާރުން ތިބެގެން އެފަދަ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު ކޮންމެ ތަނެއްގައި ތިބެގެން އަޑުއެހުންތައް ކުރިއަށް ގެންދިޔަޔަސް، ވަކީލުން ކޯޓު ފަޓުލޫނުގައި ތިބެން ޖެހޭއިރު، ފަނޑިޔާރުން ތިބޭނީ ގައުނު ތުރު ކުރައްވައިގެން ކަމަށް އެ ގަވާއިދުގައިވެ އެވެ.
ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ޝަރީއަތް ކުރިއަށް ގެންދެވެން ނެތް ހާލަތުގައި އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިތުރަށް ސިއްރު ކުރަން ޖެހޭ ޝަރީއަތްތައް ފިޔަވައި އެހެން ޝަރީއަތްތައް ޓްވީޓާ އާއި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
ކްރިމިނަލް ކޯޓުން މިހާރު ގެންދަނީ ބަންދުގައި ތިބި މީހުންގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން އެއްބަސްވާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަމުންނެވެ. އެކަމަކު އެ ކޯޓުން މައްސަލަތައް ކުރިއަށް ގެންދަނީ ފަނޑިޔާރުން ކޯޓަށް ވަޑައިގެން އެކަމަކު ދައުވާލިބޭ މީހުންނާއި ވަކީލުން އެހެން ތަނެއްގައި ބައިތިއްބައިގެން، ވީޑިއޯ ކޮންފަރެންސް ނިޒާމަކުން ގުޅާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ