މޫސުން ގޯސްވެ އުތުރުގެ ބައެއް އަތޮޅަކަށް ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދުތަކަށ ސަމާލު ނެރެފައި ވަނީ ފަތިހު 05:45 އިން ފެށިގެން ހެނދުނު 9:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި، ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
އުތުރުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެފައި މިވަނީ، ރާއްޖޭގެ އުތުރުން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ލޯ ޕްރެޝަރ ސިސްޓަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ވެސް ކުރަމުންނެވެ. މިކަމާއި ގުޅިގެން ފާއިތުވެދިޔަ ދުވަސްތަކުގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުންފަދަ ހާދިސާތައްވެސް ހިނގާފައި ވެއެވެ.
މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވަނީ، އުތުރުގެ އެކިހިސާބަށާއި މެދުތެރޭ ބައެއް ރަށްތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނު އަތޮޅުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ." މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް ވަގުތުތަކުގައި އުތުރާއި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ