މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފައިވާއިރު އެންމެ ގިނަ ބަޔަކަށް ރައްކާތެރިކަންދޭ އެއްބޭފުޅަކީ ގާސިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރަގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ކުޑަ ހިނދުކޮޅަކަށް ބާރު އޮތީތީ މީހަކަށް އަނިޔާ ދެވިދާނެ ކަމަށާއި އެކަމަކު ގާސިމް އިބްރާހީމާއި ދިވެހި ރައްޔިތުންގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ޕަޓީތަކުގެ ލީޑަރުން އެކުވެގެން ކުރަންފަށާފައިވާ މަސައްކަތަކީ މިގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ކަމަށެވެ.
ފައިސަލް ވިދާޅުވީ ރައްޖޭގެ އެންމެ ކުޑަކުއްޖާއަށްވެސް ޣައިރު ގާނޫނީ އަމުރެއް ކޮށްފިނަމަ އެކަން އެނގޭނެ ކަމަށާއި ފުލުހުންނަށް އެވަރު ނޭނގޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ އަމުރަކަށް ކިޔަމަންވާ ނުޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު ކުރަމުންދާ ޣާއިރު ގާނޫނީ އަމުރަށް ތަބާވާ މީހުން އެމީހުންނަށްވެސް މިދުވަހާ ކުރިމަތިލާން ޖެހިދާނެ ކަަަމަށް ވިސްނަޖެހޭ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ގާސިމް އިބްރާހީމަށާއި ސިޔާސި ހައްޔަރީންނަށް ރާއްޖޭގައި ދެމުން ގެންދަނީ ހައްގު އަދަބެއް ނޫން ކަމަށާއި އެބޭފުޅުން މިނިވަން ކުރަންޖެހޭ ކަަމަށެވެ. އަދި އެކަމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް އެއްވުމުން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކުރަފިތަކަކަށް ޝެލްޓޮކްސް ޖަހާހެން ކަމަށެވެ. ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އަނިޔާކުރި ދުވަސް އަލްވަދާއު ކިޔާފައިވާ ކަމަށާއި ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ ލޯތްބަކީ ބިރުދައްކައިގެން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް އިންސާފު ހޯދައިދޭން ތިބޭ މީހުން މިގައުމަށް މިއަންނަމުންދާ ބަދަލާމެދު ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މަޖިލީހުގެ ތެރެއިންނާއި މަގުމަތިންނާއި އެހެނިހެންވެސް ތަންތަނުން މިހާރު އޮންނަނީ ބިރުދެއްކުން ކަމަށާއި ބަޔަކު އަދި ގާނޫނާ ހިލާފަށް އަމުރެއް ކުރިއަސް އެއަށް ތަބާވާން ނުޖެހޭ ކަމަށެވެ.
އެންމެ ގިނަ ބަޔަކަށް ރައްކާތެރިކަންދޭ އެއްބޭފުޅަކީ ގާސިމް: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ