ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ރައީސް މައުމޫން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރައްވާ އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ނަޝީދުގެ ނަންފުޅު ނުގެންނަވައި އެ ވާހަކައަށް އިޝާރާތްކުރައްވައި ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ކޯލިޝަންގެ ހުރިހާ ޕާޓީތަކާއި ގިނަ އަދަދެއްގެ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތްޕުޅުން ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނުވަތަ ވަކި ޕާޓީއެއްގެ ރައީސެއް ނޫން ކަމަށާއި އެމަނިކުފާނަކީ ކޯލިޝަން ރައީސް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެމަނިކުފާނަކީ އަޅުގަނޑުމެންގެ ކޯލިޝަންގެ ރައީސް. ކޯލިޝަންގެ ހިމެނޭ ހުރިހާ ޕާޓީތަކުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން. މާލެއާއި އަތޮޅުތަކުގައި ވަރަށް ގިނަ ހަރަކާތްތައް ހިންގައިގެން. ވަރަށް ގިނަ ވާހަކަތައް ދައްކައިގެން. ވަރަށް ގިނަ ޖިހާދުތަކެއް ކޮށްގެން މި ރައީސް އިންތިހާބު ކުރެއްވީ. އެމަނިކުފާނު ވެސް އެކަން ގަބޫލު ކުރައްވާ ކަން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ." ރައީސް މައުމޫން ވިދާޅުވި އެވެ.
ސަރުކާރުގެ ގިނަ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާ އަށް އިޝާރާތްކުރައްވައި ރައީސް މައުމޫން ވަނީ، ފާރިސް އަށް ސަރުކާރުގެ ތާއީދު އޮތްކަން އެ ޖަލްސާއިންވެސް ވަރަށްބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ޖަލްސާގައި ނާއިބު ރައީސް ފައިސަލް ނަސީމް އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްތު ބޭނުންވާ ކަމަށެވެ. އަދި ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތައް ފުއްދަވަން މަޖިލީހުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކޯލިޝަންގެ ހަތަރު ޕާޓީ ނޫން އެހެން ޕާޓީތަކަށް މެޖޯރިޓީ ލިބިއްޖެނަމަ އެއްކަލަ އަނިޔާވެރިކަން އަނބުރާ އަންނާނެ. އެއްވެސް ކުށެއް ނެތް އެތައް ބަޔަކު ޖަލަށް ދާން ޖެހޭނެ. މީހުންގެ ވަޒީފާތައް ގެއްލޭނެ. މީހުން މަގުމަތިވާނެ. މީހުންގެ ހައްގުތައް ގެއްލިގެންދާނެ. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން." މައުމޫން ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވަނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، ރައީސް ސޯލިހު ވެސް ވަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނަށްވެސް އެބޭފުޅުންނަކީ ސަރުކާރު ކެންޑިޑޭޓުން ކަމުގައި ދެންނެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ތާއީދު ކުރައްވަނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނަކަށް ނޫން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ