މާމިގިލީގައި ހިންގާ ކެފޭ ރެސްޓޯރެންޓުތައް އާންމުންނަށް ބަންދުކުރަން ނިންމައިފި

އދ. މާމިގިލީގައި ހިންގާ ކެފޭ ރެސްޓޯރެންޓުތައް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ނިންމައިފިއެވެ.
މާމިގިލީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
މިކަމާއި ގުޅިގެން މާމިގިލީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، ކެފޭ އަދި ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު އެރަށުގައި ހިންގާ ހުރިހާ ކެފޭ، އަދި ރެސްޓޯރެންޓެއް މިރޭ 00:00 އިން ފެށިގެން އެކައުންސިލުން ވަކި އެއްޗެއް އަންގަންދެއް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މި ތަންތަން ބަންދު ނަމަވެސް ޑެލިވަރީ ކޮށްދެވިދާނެ ކަމަށާއި، ޑެލިވަރީ ކޮށްދެވޭނީ ހަމައެކަނި ކޮންޓްރެކްޓު އުސޫލުން ކާންދޭ މީހުން އުޅެމުން އަންނަ ތަންތަނަށާއި، އާންމު ގެތަކަށް، މަސައްކަތް ކުރާ ސައިޓްތަކުގެ އިތުރުން ޑިއުޓީ ކުރާ ޕޯސްޓުތަކަށް ކަމަށް މާމިގިލީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިއަދު އެރަށުގެ ކައުންސިލުން ކޮށްފައިވާ އިތުރު އިއުލާނެއްގައި ވިދާޅުވެފައި ވަނީ މާދަމައިން ފެށިގެން މާމިގިލީގައި ހިންގަމުން އަންނަ ބޭސްފިހާރަތައް ފިޔަވައި، ހުރިހާ ބާވަތެއްގެ ފިހާރަތާކައި، ފަހާތަންތަނާއި، ބޯކޮށާ ތަންތަން އަދި ތެޔޮ ވިއްކާ ތަންތަން ވެސް ހުޅުވައިފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމަޔަށް ކަމަށެވެ. އެހެން ނަމަވެސް ޑެލިވަރީ ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 23:00 އާއި ހަމަޔަށް އޮންނާނެ ކަމަށް މާމިގިލީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޑެލިވަރީ ކުރަން ބޭނުންވާ ވިޔަފާރިއެއް ނަމަ، ވިޔަފާރީގެ ނަމާއި، ގުޅާނެ ފަރާތުގެ ނަމާއި، ފޯނުނަންބަރު ޖެހުމަށްފަހު 7921676 ނަންބަރު ފޯނަށް މާދަމާ ހަވީރު 18:00ގެ ކުރިން އެސްއެމްއެސް ކުރުމަށް މާމިގިލީ ކައުންސިލުން ވަނީ އެދިފައެވެ.
މާމިގިލީ ކައުންސިލުން ވިދާޅުވީ އެރަށުގައި މި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި، އަދި ކައުންސިލުގެ ނިންމުންތަކަށް ފުރިހަމަ އަށް އެންމެހާ ރައްޔިތުން އަމަލުކުރުމަކީ އެންމެންނަށްވެސް މިވަގުތުތު ރައްކާތެރި ގޮތް ކަމަށެވެ.
މިހާތަނަށް ހަމައެކަނި މާލެއިން ވެސް 11 މީހަކު ވަނ ކޮވިޑް-19 އަށް ފައްސިވެފައެވެ. މާލެ އަށް މިހާރު ވަނީ މިކަމާއި ގުޅިގެން ރަތް އެލާޓު ނެރެ، އާންމުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ