ދިރާގު އީދު ޕެރޭޑް ހަވީރު، އީދު ޝޯ ރާޅުގަނޑުގައި މިރޭ

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މުއާސަލާތީ ކުންފުނި ދިރާގުން މުނިފޫހިފިލުވުމުގެ ޕެރޭޑެއް މިއަދު މާލޭގައި ބާއްވަން ހަމަޖައްސައިފި އެވެ.
މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް ވިދާޅުވީ މި ފިތުރު އީދަކީ އާންމުން މުނިފޫހިފިލާނެ، އުފާވެރި އީދަކަށް ހަދައި ދިނުމަށް ދިރާގުގެ ފަރާތުން ބޮޑެތި ހަރަކާތްތަކެއް ހިންގަން ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 4:00 ޖަހާއިރު "ދިރާގު އީދު ޕެރޭޑް" ގެ ނަމުގައި މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑެއް ބާއްވާނެ ކަމަށާއި އެ ޕެރޭޑްގައި ފިލްމީ ދާއިރާގެ ފަންނާނުންނާއި ދިރާގުގެ މުވައްޒިފުންގެ ހަރަކާތްތައް ފެނިގެންދާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
ސޯޝަލް ސެންޓަރު ކައިރިން ޕެރޭޑް ފަށައިގެން ކުރިޔަށްދާނީ މަޖީދީމަގާއި އޯކިޑްމަގާއި ޗާންދަނީ މަގުގަ އެވެ. ނިންމާނީ އާޓިފިޝަލް ބީޗް ކައިރިން ރާޅުގަނޑު ސަރަހައްދަށެވެ. ޕެރޭޑް ކުރިއަށްދާ ވަގުތު ބައެއް ހިސާބްތަކަށް ހުއްޓި ތަފާތު ހަރަކާތްތަކެއް ދައްކާލުން އޮންނާނެ އެވެ.
"މިޕެރޭޑްގައި ވަރަށް ތަފާތު ހަރަކާތްތަކެއް ކުރިއަށްދާނެ. އޭގެ ތެރޭގައި ބެރު ދުންމާރިއާއި ޑްރަމް ޝެކްޝަނަކާއެ އޮންނަ ބޮޑު ޕެރޭޑަކާއި ހެލްތް އެންޑް ފިޓްނަސްގެ ފަރާތުން ދައްކުވައިދޭ ކަސްރަތުގެ ބައިތަކަކާއި އަދި ކުޑަކުދިންގެ ހަރަކާތްތަކެއް ވެސް ފެނިގެންދާނެ. އަދި މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހަރަކާތްތަކެއް ވެސް ދައްކުވައިދޭނެ،" އިމްޖާދު ވިދާޅުވި އެވެ.
ދިރާގު އީދު ޕެރޭޑްގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު މިރޭ "ދިރާގު އީދް ޝޯ 2012" ގެ ނަމުގައި ވަރަށް ހާއްސަ ޝޯއެއް ވެސް ބާއްވަ އެވެ. މިރޭ 9:30 ފެށިގެން ރާޅުގަނޑު ސަރަހައްދުގައި މިއުޒިކް ޝޯ ފަށާއިރު ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ފަސީ އާއި އުނޫޝާ އިތުރުން ހަރުބީ ބޮޑުބެރު ގްރޫޕާއި މިއުޒިކީ ދާއިރާގެ އެހެން ފަންނާނުން ބައިވެރިވެވާނެ އެވެ.
އިމްޖާދު ވިދާޅުވީ މިރޭގެ ޝޯއަށް ތައްޔާރު ކުރި ސްޓޭޖަކީ "މެކޭނިކަލް ސްޓޭޖް ސިސްޓަމެ"އް ކަމަށާއި މިއީ ރާއްޖޭގައި މިފަދަ ސްޓޭޖެއްގައި ޝޯއެއްދޭ ފުރަތަމަ ފަހަރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ