އަބްދުﷲ ގާޒީއާ ހައްޔަރުކޮށްފައިވާ މައްސަލާގައި ވާހަކަ ދައްކަވަން ރައީސް ނަޝީދު ބޭނުންފުޅެއް ނުވި: ގާސިމް

މެންދުރު 00: 2 އިން 30: 3 އަށް ރައީސް އޮފީހުގައި ޖޭއެސްސީގެ ބައެއް މެމްބަރުންނާ އެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުން ނިމުނުތާ ބައިގަޑިއެއްހާއިރު ފަހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ، އަބްދުﷲ ގާޒީ "ވަގުތުން ދޫކޮށްލުމަށް" ރައީސަށް ދެންނެވި ކަމަށާއި އެކަމަކު އެހެން ވިދާޅުވާއިރަށް ރައީސް ނަޝީދު އެ ވާހަކަ ހުއްޓުވި ކަމަށެވެ. އަދި ރައީސް އެކަމުގައި އަމަލުކުރެއްވީ "ތަންކޮޅެއް ހަރުކަށިކޮށް" ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން އެއީ އެޖެންޑާގައި ނެތް މައްސަލައެއް ކަމަށާއި އެ ވާހަކަ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވަރަށް ރޫޑްކޮށް ރައީސް ]އެހެން[ ވިދާޅުވި. އަޅުގަނޑު ދެންނެވިން އެޖެންޑާއެއް ވެސް ނެތޭ. އަޅުގަނޑުމެންގެ ހުރި މައްސަލަތައް ދަންނަވަމުން ދާތީ އަޅުގަނޑު ވެސް ދަންނަވާލީއޭ،" މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ މައްސަލައިގެ އިތުރުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ދާއިމީކުރުމުގެ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ފާއިޒް ހުސެއިން ނެރުއްވާ ނޫސްބަޔާންތައް ގަބޫލު ނުކުރައްވާ ކަމަށް، އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. މީގެ އިތުރުން ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަންގެ ބަޖެޓް ޖޭއެސްސީ އަށް ގެންދިއުމަށާއި އެކަން އިދާރީ ގޮތުން ރައީސް ނަޝީދަށް ކުރެއްވިދާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ދެން ވާހަކަ ދެކެވުނީ، ގާނޫނު އަސާސީގެ 285 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުވާކުރުވާފައި ތިބި ހުރިހާ ފަނިޑޔާރުން އަލުން ހުވާކުރުވަން ޖެހޭނެ ކަމަށް އޭނާއަށް ]ރައީސް ނަޝީދަށް[ ފެނިވަޑައިގަންނަވާ ކަމަށް. އަޅުގަނޑު އެއާ ދެކޮޅު ހެދިން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، 285 ވަނަ މާއްދާގެ ދަށުން ހުވާކުރުވާފައިވާ ހުވަ އަކީ ރަނގަޅު ހުވައެއް ކަމަށް ވިދާޅުވުމުން އަޅުގަނޑު އެއަށް ތާއީދުކުރިން،" ގާސިމް ވިދާޅުވި އެވެ. "ދެން އަޅުގަނޑު ދެންނެވިން އެޑްމިނިސްޓްރޭޝަންގެ ބަޖެޓް އެކޮޅަށް ]ޖޭއެސްސީ[ އަށް ބަދަލުކުރާއިރުގައި ސުޕްރީމް ކޯޓުގެ ރޫލިންތަކާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ކިހިނެއްތޯ ވާނީ؟ އެއީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް އަޅުގަނޑު ދެންނެވިން. އެއަށް ހައްލެއް ހޯދަންވާނެ ކަމަށް ދެންނެވިން."
ގާސިމް ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރި ގިނަ ކަންތައްތަކަށް އޭނާ ދެކޮޅު ހެއްދެވި ކަމަށެވެ. އެހެން ނަމަވެސް އިދާރީ ގޮތުން ޖޭއެސްސީގައި ރަނގަޅުކުރަން ހުރި ކަންތައްތަކަށް ތާއީދުކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ތެރޭގައި މުވައްޒަފުންނާއި އިމާރާތާ ގުޅޭ ކަންކަން ހިމެނެ އެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދަށް ޖޭއެސްސީގެ ލަފާ ހޯއްދެވުމުގެ ވަކި އުސޫލެއް އޮންނަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ޖެހެނީ ޖޭއެސްސީގެ ރަސްމީ ބައްދަލުވުމެއް ބާއްވައި އެއިން ނިންމާ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެ ނޫން ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އަށް އަރުވާ ލަފާތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭނެ ކަމަށް ވެސް ގާސިމް ދެކެވަޑައިގަންނަވަ އެވެ.
ރައީސް ނަޝީދު ބޭއްވެވި މި ބައްދަލުވުމުގައި، ޖޭއެސްސީގެ ދެ މެމްބަރަކު ފިޔަވައި އަނެއް އަށް މެމްބަރުން ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަތީ ޖޭއެސްސީގެ ރައީސް އާދަމް މުހަންމަދާއި މެމްބަރު އަބްދުﷲ ދީދީ އެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގެން ވިދާޅުވީ، ރައީސް ނަޝީދު ހުންނެވީ، އުއްތަމަ ފަނޑިޔާރާ މެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގެން ކަމަށެވެ. އޭގެ އިތުރުން ޖޭއެސްސީގެ ރައީސް އާދަމް މުހަންމަދު، މަގާމުން ދުރުކުރުމަށް ވެސް ރައީސް ނަޝީދު ބޭނުންފުޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ