މިހާރުގެ ސަރުކާރުން އެމަނިކުފާނާ ދޭތެރޭ ބަހައްޓާ "އިހުސާންތެރިކަމު"ގެ ސަބަބުން ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި ގަދަރު އިތުރަށް އުފުލިފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫނު ވިދާޅުވީ ސަރުކާރުން އެ މަނިކުފާނާ މެދު ބަހައްޓާ "އިހުސާންތެރި" ކަމުގެ ސަބަބުން އަދި އެމަނިކުފާނާއި އާއިލާ އަށް ކޮށްދެއްވާ "ހެޔޮ" ކަންތައްތަކުގެ ސަބަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ވޭންތަކާއި ކުރިމަތިވާ ދަތިތައް އެއީ "އަޅުގަނޑުމެން ހިތަށް ގެންނަންޖެހޭ ކަމެއް" ކަމަށެވެ.
"ހެޔޮވެރިކަން ކުރާ ސަރުކާރަށް އަޅުގަނޑު ޝުކުރު ދަންނަވަނީ އެ ސަރުކާރުން އަޅުގަނޑަށް ކޮށްދެއްވާ ހެޔޮކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުގެ އަގު އިތުރަށް އުފުލި ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު އިތުރުވަމުންދާތީ. ހެޔޮ ވެރިކަންކުރާ ސަރުކާރުން އަޅުގަނޑާ ދޭތެރޭގައި ކުރެއްވި އިހުސާންތެރި އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކަންބޮޑުވެ އަޅުގަނޑަށް ހެޔޮއެދުން ފޮނުވައި ތާއީދުގެ ޝުއޫރުތައް ފާޅުކުރި،" މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުވެ ވަޑައިގެންނެވި ރޭ އެމަނިކުފާނުގެ ޕާޓީގެ ނައިބު ޒައީމުންނާއި ކައުންސިލް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަލިވާގޭގައި ހުރިހާ ކަމެއް ނިމެންދެން އެ މަނިކުފާނަށް ހިތްވަރުދީ ތާއީދުކޮށްދެއްވުމުގައި ތިއްބެވި ކަމަށެވެ. ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ފަރާތްތަކުން، މާލެ އާއި އަތޮޅުތަކުން ކެނޑިނޭޅި އެމަނިކުފާނަށް ތާއިދާއި ހެޔޮދުއާގެ މެސެޖްތައް ލިބިވަޑައިގަންނަވަމުން ދިޔަ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުގެ އަގު ވައްޓާލުމަށްޓަކައި ހެޔޮވެރިކަންކުރާ ސަރުކާރުން ކުރެއްވި ކަންތައްތަކުން ވެއްޓިގެންދަނީ އެ ސަރުކާރުގެ އަގު. މީހެއްގެ އަގުވެއްޓޭނީ އެ މީހަކު އަމިއްލަ އަށް ކުރާ ކަމަކުން. ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަދި ދިމިގްރާތީ ރީތި ހަމަތަކާ އުސޫލުތަކާ ހިލާފަށް ހެޔޮވެރިކަންކުރާ ސަރުކާރުން އަމަލުކުރަމުންދާ ނަމަ އަގު ވެއްޓީ ހަމަ އެ ސަރުކާރުގެ،" މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ ހުރިހާ ކަމެއް ވެސް ކުރަމުން ދަނީ އެމަނިކުފާނު ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން ކަމަށާއި ބޭނުން ވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް އެމަނިކުފާނު ރާއްޖެ އިން ބޭރުކޮށް ބޭނުންވާ ގޮތްގޮތަށް ކަންކަން ފަހިކުރުން ކަމަށެވެ. އަދި ޑީއާރްޕީގެ ޒައާމާތުން އެމަނިކުފާނު ދުރުކުރަން ބޭނުން ވެގެން އުޅެނީ ވެސް އެ ބޭނުމުގައި ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
ސަރުކާރަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މައުމޫނު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ބިންގަލަކީ ދޮގު ހެދުމާއި ފުލޯކު ވާހަކަތައް ފެތުރުން ކަމަށެވެ. އެގޮތުން
އެމަނިކުފާނު ނުރުހޭ ގޮތަކަށް، ހިތްދަތިވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ރާއްޖެ އަށް ޒަމާނީ ޑިމޮކްރަސީ ގެނައުމުގަ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ އެމަނިކުފާނު ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ބައްޓަން ވެގެންދާނީ އެންމެން އެމަނިކުފާނާ ދޭތެރޭގައި ކަންތައްތައް ބަހައްޓާ ގޮތުން ކަމަށް ރައްޔިތުން ކުރިމަތީގައި ރައީސް ނަޝީދު ވިދާޅުވެފައި ކަމަށެވެ.
"މިހާރު ކޮބައިތޯ އެކަންތައްތައް. އެހެންވީމާ ވަރަށް ހިތާމައާއެކު މިދަންވަނީ ހެޔޮވެރިކަންކުރާ ސަރުކާރުގެ އެންމެ މުހިންމު ބިންގަލަކީ ދޮގު ހެދުމޭ. މިހެން ދަންނަވަން ދެރަ ވެސް ވޭ. ވަރަށް ހިތާމަ ވެސް ކުރަން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއާ ބެހޭ ގޮތުން މިކަހަލަ ވާހަކައެއް ދަންނަވަންޖެހޭތީ،" މައުމޫނު ވިދާޅުވި އެވެ. "އެހެންނަމަވެސް އަޅުގަނޑު ކުރާނީ ކީއްތޯ. އޭނާ ދެއްކެވި ވާހަކަފުޅު އެހެރީ ސާބިތުވަން. ހަމަ އެގޮތަށް ދެންތިއްބެވި ބޭފުޅުން ވެސް އަދި އޮޑިޓާ ޖެނެރަލް ވެސް މިދެންނެވި ހެޔޮވެރިކަމުގެ ބިންގަލުގެ މަތީގައި މަސައްކަތްކުރަނީ. ރިޔާސީ ކޮމިޝަން ވެސް ހަމަ އެހެން. ފުލުސް އޮފީހުން އެގޮތަށް ކަންތައް ކުރެއްވީ."
ފުލުސް އޮފީހަށް ހާޒިރު ކުރެއްވި މައްސަލަ އަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ބަދަލުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަޑައިގަތަސް އެންމެ ރަނގަޅު ކަމަށް ފުލުހުން އަންގަވައިފައިވާ ކަމަށެވެ.
"އޭގެ އޯޑިއޯ ރެކޯޑިން ވެސް އެބައޮތް. ]އެކަމަކު[ އަނެއް ދުވަހު ވިދާޅުވަނީ ވަކީލުން އައިސްގެން ކަމަކު ނުދާނޭ. ވަރަށް ހިތާމައެކު ]ފުލުހުން ވެސް ދޮގު ހައްދަވާ ވާހަކަ[ ދަންނަވަން މިޖެހެނީ."
މައުމޫނު ވިދާޅުވީ އެމަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަތުމުގެ ކުރިން އެ އިދާރާ އަށް ސިޓީއެއް ފޮނުއްވެވި ކަމަށާއި އެއީ މަދަނީ ކޯޓުގައި އޮތް އެމަނިކާނުގެ ދައުވާއެއްގެ ޝަރީއަތުގައި ގޮތެއް ނިންމަވަންދެން ފިޔަވަޅެއް ނާޅައި ލަސްކޮށް ދެއްވުމަށް އެދިވަޑައިގެން ކަމަށެވެ.
"އެކަމަކު އެއަށް އަމަލެއް ނުކުރެއްވި. އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީން ފުލުސް އޮފީހުގެ ވެރިން ހާޒިރުކުރަން އެދިވަޑައިގަތީމާ ބަހަނާ ދައްކަވާފައި ވަޑައެއްނުގެންނެވި. އެއީ އަޅުގަނޑު ގެންދަން ރާވަންވެގެން. އެކަމަށް ފުރުސަތު ލިބޭނީ އެހެން ހައްދަވައިގެންކަން އެނގޭތީ ]ފުލުހުން ހާޒިރު ނުވީ[. މިއީ ވަރަށް ހިތާމަވެރި ކަންތައް. ބޮޑެތި ސިޔާސީ ރޭވުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވި ރޭގެ މަންޒަރުތަކުގެ ވީޑިއޯ ފެނިވަޑައިގަތީމާ ހައިރާންވެ ވަޑައިގެންނެވި ކަމަށާއި އޭގައި ދައްކާ ގޮތުން ފުލުހުން ކަރުނަ ގޭސް އުކީ އެއްވެސް ކަމެއް ނުކޮށް މަޑުމަޑުން ތިބި ބަޔަކާ ދިމާއަށް ކަމަށެވެ.
"އެ މީހުން މަޑުމަޑުން ތިއްބާ ފުލުހުން އެކަންކުރީ. އޭގެ ފަހުން ބައެއް މީހުން ބައިސްކަލާ އޭތިމީތި ފުލުހުންނާ ދިމާއަށް އުކި. އެކަމަކު އެއީ ކަރުނަ ގޭސް ބޮން އުކިފަހުން،" މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ ކްރައުޑް ކޮންޓްރޯލް ކުރުމަށް އެންމެ ފަހު ކަމެއްގެ ގޮތުގައި ކަރުނަ ގޭސް ބޭނުން ކުރި ނަމަވެސް މީހެއްގެ ގޯތިގެ ތެރެއަށް ކަރުނަ ގޭސް ބޮން ނޫކޭނެ ކަމަށެވެ.
"އަލިވާގޭގެ ތެރެއަށް ކަރުނަގޭސް ބޮމެއް އެއްލި. އެތާ ތިބީ ދިވެހި ރައްޔިތުންގެ ކުށެއް ނެތް ބައެއް ކުޑަކުދިންނާއި އަންހެނުންނާއި މަޖިލީހުގެ މެންބަރުންނާއި އަޅުގަނޑުގެ އާއިލާގެ މީހުން. މިކަންކަމަކީ އަޅުގަނޑުމެން ދޫކޮށްލާނެ ކަންކަމެއް ނޫން. ހަނދާން ނައްތާލާނެ ކަންކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
ސަރުކާރުގެ "އިހުސާންތެރިކަމު"ގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުގެ އަގު އިތުރަށް އުފުލި ތާއީދު އިތުރުވެއްޖެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ