ހުޅުދު އާއި ހަނދުފުށި ވަކިކުރަން ކަނޑާފައިވާ ކޯރު، މަދަނީ ކޯޓުން ސާވޭކުރަން ފަށައިފި

އައްޑު އަތޮޅު ހަނދުފުށި (ހެރަތެރަ) ރިސޯޓާއި އެ ރަށާ އެއްފަސްކޮށް ގުޅިފައި އޮންނަ ހުޅުދޫ ވަކިކުރުމަށް އެމްޓީޑީސީގެ ފަރާތުން ކަނޑާފައި އޮތް ކޯރު ސާވޭކުރުމުގެ މަސައްކަތް މަދަނީ ކޯޓުގެ ފަރާތުން ފަށައިފި އެވެ.
މަދަނީ ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ މޫސާ މިއަދު ވިދާޅުވީ ސާވޭ ކުރަމުން އަންނަ ޓީމުގައި ކޯޓުގެ ފަސް އޮފިޝަލުންނާއި އެމްޓީޑީސީގެ ހަތަރު ބޭފުޅުންގެ އިތުރަށް ދެ ކެމެރާމަނަކު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޓީޑީސީގެ ފަރާތުން ވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރޭގައި ލަންކާގެ ތަޖުރިބާކާރަކު ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޔެ މެންދުރު ފަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ ސާވޭގެ މަސައްކަތްކުރަމުން. ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ދަނީ. އަޅުގަނޑުމެން ކުރިން ޓާގެޓްކުރީ މާދަމާގެ ނިޔަލަށް މަސައްކަތް ނިންމާލެވޭތޯ،" އަބްދުﷲ މޫސާ ވިދާޅުވި އެވެ. "އެހެން ނަމަވެސް މަސައްކަތް ކުރިއަށް ދާ ގޮތުން އަދި މުޅިއަކުން ޔަގީނެއް ނޫން މާދަމާގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމެއް. އަދި ހުރިހާ ފަރާތެއްގެ އެއްބާރުލުން ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބޭ."
ހެރަތެރައިގެ ހާލަތު ބެލުމަށް މަދަނީ ކޯޓުގެ ފަރާތުން ޓީމެއް ފޮނުވުމަށް ޝަރީއަތުގައި އެދިފައިވަނީ ޔޮޓް ޓުއާސްގެ ފަރާތުންނެވެ. މިކަމާ ގުޅޭ ގޮތުން މި މަހުގެ 12 ވަނަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ނިންމާފައިވަނީ ސާވޭކުރަން ދާ ޓީމުގެ ހަރަދު ޔޮޓް ޓުއާސް އިން ދޭނަމަ އެ ރަށަށް ސާވޭ ޓީމެއް ފޮނުވުމަށެވެ. އެ ގޮތުން ރަށް ސާވޭކުރުމުގެ މަސައްކަތަށް ކޮމެޓީން ލަފާކޮށްފައިވާ އަގަކީ 162،000ރ. އެވެ.
މަދަނީ ކޯޓުން ބުނެފައިވާ ގޮތުގައި ކޯޓުން ސާވޭކުރާނީ ހެރަތެރައިގައި އެމްޓީޑީސީގެ ފަރާތުން ކަނޑާފައިވާ ކޯރުގެ ބޮޑުމިނާއި ކޯރާއި ޓޫރިސްޓުން އަދި މުވައްޒަފުން އުޅޭ ސަރަހައްދާ ދެމެދު ހުރި ދުރުމިނެވެ. އަދި ކޯރު ކޮނުމަށް ބޭނުންކުރި ހެވީ އިކުއިޕްމަންޓްސް ބަހައްޓާފައި ހުރި ސަރަހައްދު ވެސް، ކޯޓުން ފޮނުވާ ފަންނީ މީހުން ބަލާނެ އެވެ. އެ ކަންތައްތައް ބަލަނީ ދައުވާގައި އެކަން ފާހަގަކޮށްފައި އޮތުމުން ކަމަށް ވެސް މަދަނީ ކޯޓުން ބުނެފައިވެ އެވެ.
މިދިޔަ ޖޫން މަހު ޔޮޓް ޓުއާސްއާ ރަށް ހިންގުން ހަވާލުކުރި އިރު އެ ކޯރު ކަނޑައި ދެ ރަށް ވަކިކުރުމުގެ މަސައްކަތް އެމްޓީޑީސީން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ލ. މެންބަރު ރީކޯ މޫސާ މަނިކު ހިއްސާވާ ހެވީ ލޯޑް މޯލްޑިވސްއާ އެވެ. އަދި އެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ވެސް ދެ ފަރާތުން އެއްބަސްވެފައިވެ އެވެ. އެގޮތުން ދިގު މިނުގައި 210 މީޓަރު އަދި ފުޅާމިނުގައި 27 މީޓަރު ހުންނަ ކޯރެއް ކެނޑުމަށް އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 09،211.38 22،5ރ. އަށެވެ.
ޔޮޓް ޓުއާސް އިން ބުނެފައި ވަނީ ކޯރުގެ މަސައްކަތް އެމްޓީޑީސީ އަށް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭތީ އާއި މި މަސައްކަތަށް ކަނޑައެޅި މުއްދަތުގައި ނިންމާދެވިފައި ނުވާތީ އެ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެ ގޮތުން ގެއްލުމުގެ ބަދަލެއްގެ ގޮތުން ޔޮޓް ޓުއާސް އިން ވަނީ 67،458،104 ޑޮލަރު ހޯދަން އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ