އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށް ބުނެ ކުޅުދުއްފުށީ މަގު ހަދާ މީހުން މައްސަލަ ޖައްސައިފި

ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތްކުރާ އެ ރަށު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށް ބުނެ އެ މީހުން މައްސަލަ ޖައްސައިފި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީ) ގައި މަސައްކަތްކުރާ 29 މީހަކު ވަނީ އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށް ބުނެ މިދިޔަ ހޮނިހިރުދުވަހު މަސައްކަތް ކުރުމަށް އިންކާރުކޮށްފަ އެވެ. އަދި މީގެ ކުރިން މިދިޔަ މަހު ވެސް ބައެއް މުވައްޒަފުން އިތުރު ގަޑީގެ މައްސަލައިގައި ޝަކުވާ ކުރި ކަމަށް އެމްއާރުޑީން ބުންޏެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު މިއަދު ވިދާޅުވީ މަގު ހަދާ މީހުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބިގެން މައްސަލަ ޖެހުނުކަން ރަށު ކައުންސިލަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް މަގުގައި ގާ އެތުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސައްކަތް މިއަދު ވެސް އެބަ ކުރިޔަށްދޭ. މަގު ހަދާ މީހުންނަށް އިތުރު ގަޑީގައި ފައިސާ ނުލިބިގެން މައްސަލަ ޖެހުނުކަން އެނގިފައިވޭ،" ޖަމްޝީދު ވިދާޅުވި އެވެ.
އެމްއާރުޑީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގައި އުޅޭ ކުޅުދުއްފުށީ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމުގައި ދިމާވެފައި ވަނީ އިދާރީ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށްޓަކައި މުވައްޒަފުންނާ ވާހަކަ ދައްކާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"އެތަނުގެ މަސައްކަތުގައި ގިނަ ވާނީ އެރަށު މުވައްޒަފުން. އަޅުގަނޑުމެން އެމީހުންނާ ވާހަކަ ދައްކައި މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ބުނުމުން އެ މީހުން ވަނީ އަނެއް ދުވަހު މަސައްކަތަށް ނުކުމެފައި. އަސްލު މައްސަލައަކީ އިދާރީ މައްސަލައެއް. މުސާރައިގެ ސްލިޕް ދޭއިރު އިތުރު ގަޑީގައި މަސައްކަތްކުރާ ވަގުތުތައް ބަލައި އިތުރު ގަޑީގައި މަސައްކަތްކުރާ މީހުންނަށް ފައިސާ ޖަމާ ކުރާއިރު ޖަމާކުރާ ވަރު އޭނގޭ ގޮތަށް ތައްޔާރު ކުރުމުން މައްސަލަ ހައްލުވާނެ. އޭރުން ކޮންމެ މީހަކަށް ވެސް އެ މީހަކަށް އިތުރު ގަޑި އަދާކުރެވުނު ވަރާ ލިބޭ ފައިސާގެ އަދަދު ވަރަށް ރަނގަޅަށް އެނގޭނެ،" އޮފިޝަލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ