ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެމްބަރުކަމުން ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި ޕީޕަލްސް އެލަޔަންސަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ 11 މެމްބަރުން ހިމެނޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ޑީއާރުޕީގެ ފަރާތުން ހުންނަވާ އަލީ ވަހީދުގެ ބަދަލުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހަމަޖެއްސެވުމަށް އެދި ޑީއާރުޕީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މަޖިލީހުގެ ނާއިބު ރައީސް އަދި ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، އަބްދުއްރަހީމް ވެސް އެ ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ނާޒިމް ވިދާޅުވީ އަބްދުއްރަހީމްގެ ބަދަލުގައި އެ ކޮމިޓީ އަށް ކަނޑައަޅުއްވާނެ ބޭފުޅެއް އަދި ހަމަނުޖައްސާ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިސްތިއުފާދެއްވި ސަބަބެއް އަލީ ވަހީދު ވިދާޅެއް ނުވި އެވެ. އެހެން ނަމަވެސް އަލީ ވަހީދުގެ ބަދަލުގައި ޑީއާރުޕީން ކޮމެޓީ އަށް އައްޔަން ކުރެއްވި މަހުލޫފު މިއަދު "ހަވީރަ" ށް ވިދާޅުވީ މިއަދު މަޖިލީހުން ފާސްކުރި ފަނޑިޔާރުންގެ ބިލްގެ މަސައްކަތް ކޮމެޓީގައި ހިނގަމުންދިޔައިރު އޭނާ ވޯޓު ދެއްވާފައި ވަނީ ޕާޓީގެ ތްރީ ލައިން ވިޕާ ހިލާފަށް ކަމަށެވެ.
"އަލީ ވަހީދު ކޮމެޓީގައި ވޯޓު ދެއްވާފައި ވަނީ ޕާޓީގެ ނިންމުމާ ހިލާފަށް. ޕާޓީގެ ތްރީ ލައިން ވިޕް ބްރޭކް ކުރައްވައި ކޮމެޓީން އިސްތިއުފާ ދެއްވާފައިވާތީ އަޅުގަނޑު އެކަމާ ހިތާމަކޮށް ދެރަވެ އެކަން ކުށްވެރިކުރަން،" މަހުލޫފު ވިދާޅުވި އެވެ.
އަލީ ވަހީދު އިސްތިއުފާ ދެއްވިއިރު އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ނިންމުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެ ކޮމެޓީގައި މިހާތަނަށް ޑީއާރުޕީ ތަމްސީލުކުރެއްވީ އަލީ ވަހީދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒެވެ. އެމްޑީޕީގެ ފަރާތުން ކޮމެޓީގައި ތިއްބަވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އެވެ. ޕީއޭގެ ފަރާތުން ކޮމެޓީގައި އިންނަވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި މިނިވަން މެމްބަރެއްގެ ގޮތުގައި ކޮމެޓީގައި އިންނަވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ. ކޮމެޓީގެ މުގައްރިރަކީ ޑީއާރުޕީގެ މުޖުތާޒެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ޑީއާރްޕީގެ އަލީ ވަހީދާއި ޕީއޭގެ އަބްދުއްރަހީމް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ