ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ގދ. ނަޑެއްލާ، އަތަމާގޭ، އިބްރާހިމް ނާފިޒު (ޗިކާ)ގެ މައްޗަށް ކުރި މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ ޗިކާ ދިރިއުޅެމުންދިޔަ ކޮޓަރީގެ އަލަމާރި މަތީގައި އޮއްވަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތުގައި އެއީ އޭނާގެ އެއްޗެއް ކަމަށް ބުނެ އެތަކެއްޗާ އެހެން މީހަކު ވަނީ ހަވާލުވެފަ އެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިއަދުކުރި ހުކުމުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅޭނީ ކުށް ކޮށްފި ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ކަމަށެވެ. އަދި ބުނެފައި ވަނީ މީހެއްގެ ބެލުމުގެ ދަށުގައި ހުރި ތަނަކުން މަސްތުވާތަކެތި ފެނުނު ނަމަވެސް އެ ތަކެތީގެ ޒިންމާ އުފުލާނެ ފަރާތެއް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން، ޝަރީއަތަށް ގަބޫލު ކުރެވޭނެ ފަދަ ގޮތަކަށް ދައްކައިފި ނަމަ އެއީ ތަނުގެ ވެރިފަރާތުގެ މަސްތުވާތަކެތިކަމާ މެދު ސުވާލު އުފެދޭނެ ހާލަތެއް ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ކުށް ސާބިތުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށާއި އެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ވެސް ނުފެންނަ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
"...މިހެންކަމުން މިފަދަ ހާލަތެއްގައި މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. އަށް ރިއާޔަތް ކުރާއިރު ހުއްދަ ނޫން ކަމެއް ކަމުގައި ބެލެވޭ،" ހައި ކޯޓުގެ ތިން ފަނޑިޔާރުން ބެއްލެވި އެ މައްސަލައިގެ ހުކުމުގައވެ އެވެ. "މި މައްސަލަ ބެލި ފަނޑިޔާރުން ދެކެނީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެހި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުސް އިބްރާހިމް ނާފިޒުގެ މައްޗަށް ސާބިތުނުވާ ކަމަށް ޖިނާއި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތް."
މީގެ ހަތަރު އަހަރު ކުރިން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޗިކާ ހައްޔަރު ކުރުމަށްފަހު މަސްތުވާތަކެތީގެ އިތުރުން އޭނާގެ ކޮޓަރިން ވަނީ ކަނޑިއެއް ވެސް ހޯދައިފަ އެވެ. ކަނޑީގެ މައްސަލައިގައި އޭނާ ފަސް އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ވެސް ކޮށްފަ އެވެ.
ޗިކާގެ މައްޗަށް ހައި ކޯޓުން ވެސް ކުށް ސާބިތެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ