މައުމޫނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އެއް ދުވަސް ކުރިން ޕަބްލިކް ސޭފްޓީ އެމަނިކުފާނާ ހަވާލުކުރުމަށް ރައީސް ނާސިރު އަންގަވައިފައިވ

ރާއްޖޭގެ ވެރިކަމާ 11 ނޮވެމްބަރު 1978 ގައި މައުމޫން އަބްދުލްގައްޔޫމް ހަވާލުވެވަޑައިގަތުމުގެ ކުރިން އޭރުގެ ޕަބްލިކް ސޭފްޓީ މިނިސްޓްރީގެ ހުރިހައި މަސައްކަތްތައް އެމަނިކުފާނާ ހަވާލު ކުރެއްވުމަށް އޭރުގެ ރައީސް އޮފީހުން އިން ފޮނުވައިފައިވާ ދެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފި އެވެ.
"އޮފީސް އޮފް ދަ ޕްރެޒިޑެންޓް" އިން 2 ނޮވެމްބަރު 1978 ގެ ތާރީހުގަ އާއި 7 ނޮވެމްބަރު 1978 ގައި ޕަބްލިކް ސޭފްޓީ މިނިސްޓަރު އަބްދުލް ހަންނާނު ހަލީމަށް، ލެޓިން އަކުރުން ލިޔެ ފޮނުވައިފައިވާ ސިޓީތަކުގައި ވަނީ 10 ނޮވެމްބަރު 1978 އިން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ މަސައްކަތްތަކެއް މައުމޫން އަބްދުލް ގައްޔޫމް އަރިހުގައި އައްސަވައިގެން ކުރިއަށް ގެންދެވުމަށް ރައީސް )އިބްރާހިމް ނާސިރު( ވިދާޅުވެފައިވާ ކަމަށެވެ.
"އެ ސިޓީން ދަންނަވާފައި ވާނީ 10 ނޮވެމްބަރު 1978 ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އާއި އެ މިނިސްޓްރީގެ ދަށުގައިވާ ތަންތާނގެ ހުރިހާ ކަމެއް، އޮންރަބަލް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އަރިހު އައްސަވައިގެން، އެ މަނިކުފާނު ވިދާޅުވާ ގޮތެއްގެ މަތިން ކުރައްވަމުން ގެންދެވުމަށެވެ. އޭގެ އިތުރަށް އެ މަނިކުފާނު އަންގަވާ ކަންތައްތައް ވެސް ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސް ވިދާޅުވި އެވެ،" "އޮފީސް އޮފް ދަ ޕްރެޒިޑެންޓް"ގެ ޕްރައިވެޓް ސެކްރެޓެރީ ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު ސޮއިކުރައްވައި ޕަބްލިކް ސޭފްޓީ މިނިސްޓަރަށް 7 ނޮވެމްބަރު 1978 ގައި ފޮނުއްވާފައިވާ ސިޓީގައި ވެ އެވެ.
އެ ސިޓީގެ ކުރިން 2 ނޮވެމްބަރު 1978 ގައި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އިން ޕަބްލިކް ސޭފްޓީ މިނިސްޓަރަށް ފޮނުއްވާފައިވާ ސިޓީގައި ވެސް ވަނީ 10 ނޮވެމްބަރު 1978 އިން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ ކަމެއް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވާ ގޮތަށް ކުރެއްވުމަށް އޭރުގެ ރައީސް )އިބްރާހިމް ނާސިރު( ވިދާޅުވާ ކަމަށެވެ.
ޕަބްލިކް ސޭފްޓީ 10 ނޮވެމްބަރު 1978 އިން ފެށިން މައުމޫނާ ހަވާލުކުރެއްވި ކަމުގެ ދެ ސިޓީ ވެސް ވަނީ މައުމޫނަށް ކޮޕީކޮށްފައިވެ އެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޓީވީ މޯލްޑިވްސް އިން ފޮނުވި "ސިޔާސަތު ޕްރޮގްރާމް" ގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާނު ހުވާ ކުރެއްވުމުގެ އެއް ދުވަސް ކުރިން ދިވެހި ދައުލަތުގެ ހަތިޔާރު ގުދަނުގެ ތަޅުދަނޑި އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން އޭރުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރަށް އެނގިވަޑައިގަންނަވާނޭ ކަމަށާއި އެ މަނިކުފާނު މިހާރު ވެސް ދުނިޔޭގައި އެބަހުންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ. އެއްވެސް އިރެއްގައި އެ މަނިކުފާނު ހަތިޔާރެއް ގެންގުޅުއްވައިފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ހުވާ ކުރެއްވީ ފިސްތޯލައެއް ހިއްޕަވައިގެން ނޫން ކަމަށެވެ.
އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ އިއްތިހާދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. މެމްބަރު ހަސަން އަފީފު، އޭރުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރާ ހަވާލާ ދެއްވައި ވިދާޅުވީ ހަތިޔާރު ގުދަނުގެ ތަޅުދަނޑި މައުމޫނާ ހަވާލުކުރެއްވީ 11 ނޮވެމްބަރު 1978 ގައި ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ