ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުންނަށް އުސޫލާ ހިލާފަށް މާކްސް ދީފައިވާ ކަމަށް ވިދާޅުވެ، ފަނޑިޔާރުން އައްޔަން ކުރުމުގެ ކަންތައް ބާތިލްކޮށް ދިނުމަށް ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާދީއްތަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން އަންގައިފި އެވެ.
ހަސަން ސައީދުގެ ގާނޫނީ ވަކީލް މުހައްމަދު އީސާފުޅު މިއަދު ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓުން ބަލައި ނުގަތީ ދެ ވަނަ އަށް އެންމެ މަތީ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ކަންތައް ބާތިލްކޮށް ދިނުމަށް ޖިނާއީ ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ހުށަހެޅުއްވި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވުމަށް އަންގާފައިވާތީ، އެ ކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިން ހޮވި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޑރ. އަޒްމިރާލްދާ ޒާހިރާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އަބްދުއްރައޫފު އިބްރާހީމް އާއި އައްބާސް ޝަރީފް އަދި އަލީ ސަމީރެވެ.
މީގެ ތެރެއިން ސަމީރަކީ ސިވިލް ކޯޓުގެ އިސް ގާޒީ އެވެ. އަދި ރައޫފަކީ އެ ކޯޓުގެ ރަޖިސްޓްރާ އެވެ. އައްބާސް ޝަރީފަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގިނަ މައްސަލަތަކެއްގައި އެމަނިކުފާނުގެ ވަކީލުކަން ކުރެއްވި ބޭފުޅެވެ. ޝުއައިބަކީ ކުޑަކުދިންގެ ކޯޓުގެ އިސް ގާޒީ އެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން ބާތިލްކޮށް ދިނުމަށް ހުށަޅި ދެވަނަ މައްސަލަ ސިވިލް ކޯޓުން ބަލައި ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ