ގާސިމް މަޖިލިހަށް ހާޒިރެއް ނުކުރި

ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި މިހާރު ހައްޔަރު ކޮށްފައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، މިއަދު އޮތް މަޖިލީހުގެ ޖަލްސާ އަށް ފުލުހުން ހާޒިރު ކޮށެއް ނުދިނެވެ.
ސަރުކާރާ ދެކޮޅު ހަރަކާތްތައް ލީޑް ކުރެއްވި ގާސިމް ހައްޔަރުކޮށް، މިދިޔަ ހުކުރު ދުވަހު އޭނާގެ ބަންދަށް ހަ ދުވަސް ޖެހީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރު ދޭ ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަން ގާސިމް ދޮގުކުރައްވަ އެވެ.
ފުލުހުން ބުނީ މަޖިލީހުގެ ޖަލްސާ އަށް ގާސިމް ހާޒިރު ނުކުރާނެ ކަމަށެވެ. ނަމަވެސް ގާސިމް މަޖިލީހަށް ހާޒިރު ކޮށްނުދޭން ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަވާ މެމްބަރަކު މަޖިލީހަށް ހާޒިރުކޮށްދޭން ފުލުހުންނަށް ޖެހޭނެ އެވެ. އެކަމަކު ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މެމްބަރަކަށް މަޖިލީހަށް ހާޒިރެއް ނުކުރެވޭނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރީ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގެ ފުރުސަތު ހަނި ކުރުމަށްޓަކައި ގަވައިދަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ގާސިމް ހައްޔަރުކުރީ ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ، ގާސިމް ވަގުތުން މިނިވަންކުރަން މުއައްސަސާތަކުގެ މައްޗަށް ލާޒިމް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އިމްތިޔާޒުގެ ގާނޫނުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ. އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ "އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަ ޖެނެރަލް އަށް ހުށަހެޅުމުން ޕްރޮސިކިއުޓަ ޖެެނެރަލް އަށް ފެނިއްޖެ ނަމަ އޭނާ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ