ކޮލަމްބޯގައި ބަހައްޓާ ފޮއްޓަށް 215 ދާއިރާގެ މީހުން ވޯޓުލާނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ސްރީ ލަންކާގެ ކޮލަމްބޯގައި ބަހައްޓާ ވޯޓު ފޮއްޓަށް 215 ދާއިރާގެ މީހުން ވޯޓު ލާން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއީ ކައުންސިލް އިންތިހާބުގައި ބަހައްޓާ 468 ވޯޓު ފޮށީގެ ތެރެއިން އެއް ފޮއްޓަކަށް އެންމެ ގިނަ ދާއިރާގެ މީހުން ވޯޓު ލާ ފޮއްޓެވެ. އެ ފޮއްޓަށް ވޯޓު ލާ ދާއިރާތަކުގެ ވޯޓު ކަރުދާސްތައް ޗާޕްކޮށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ރިޔާސީ އިންތިހާބާ އަޅާބަލާއިރު ލޯކަލް ކައުންސިލް އިންތިހާބު ހުރިހާ ގޮތަކުން ވެސް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އެގޮތުން އެއް ފޮއްޓަކަށް އެކި ދާއިރާތަކުގެ ވޯޓު ލާން ޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ ކޮލަމްބޯ ފޮށީގައި އެކަނި ވެސް 215 ދާއިރާ ހިމެނޭއިރު އެ ހުރިހާ ވޯޓުތައް ގުނުމަކީ ވަގުތު ހޭދަވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މި އިންތިހާބުގެ ވަގުތީ ނަތީޖާތައް ރިޔާސީ އިންތިހާބަށް ވުރެ ލަސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަން ކުރާ ބަޔަކަށް އެނގޭނީ މިކަމުގެ ބުރަކަން. ހަގީގަތުގައި އެއް ފޮއްޓަކަށް އެތައް ދާއިރާއެއްގެ ވޯޓު ކަރުދާސްއަޅައި ގުނަންވީމަ ވަގުތު ވެސް ނަގާނެ،" އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި ކައުންސިލަކަށް ހޮވަންޖެހޭ އަދަދަށް ވުރެ މަދުން ވޯޓު ދީފައި އޮވެގެން އެ ވޯޓު ކަރުދާސްކޮޅެއް ބާތިލެއް ނުވާނެ އެވެ. އެކަމަކު ހޮވަންޖެހޭ އަދަދަށް ވުރެ އިތުރަށް ވޯޓު ދީފި ނަމަ އެ ކަރުދާސްކޮޅު ބާތިލްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮވަން ޖެހޭ އަދަދަށް ވުރެ މަދުން ވޯޓުދީ، ދެން ތިބި ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ ބެލޭނީ "ނޯ ވޯޓު"ގެ ގޮތުގައި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ޖުމްލަ 1،118 ކެންޑިޑޭޓުން އިންތިހާބުކުރަން ޖެހޭ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 2463 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ރަށު ކައުންސިލްތަކަށް 2،147 ކެންޑިޑޭޓުންނާއި އަތޮޅު ކައުންސިލްތަކަށް 275 އަދި ސިޓީ ކައުންސިލްތަކަށް 41 ކެންޑިޑޭޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ