ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 500 އެއްހާ ވޯޓުފޮށި ބަހައްޓަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ހަވީރަ"ށް ވިދާޅުވީ އިންތިހާބުގައި 495-500 ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށް އެ ކޮމިޝަނަށް އަންދާޒާކުރެވޭ ކަމަށެވެ. ވޯޓު ފޮށި ބަހައްޓާ ރަސްމީ އަދަދު ވަރަށް އަވަހަށް ފައިނަލްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން އަންދާޒާކޮށްފައި ވަނީ މާލެ އާއި ރަށްރަށުގައި 495 ފޮށި ބެހެއްޓުމަށް. އެކަމަކު އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް،" ފުއާދު ވިދާޅުވި އެވެ.
އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނެ ރަށްތަކާއި ރިސޯޓްތަކާއި ސިނާއީ ރަށްތައް އަދި ޖަލުތައް ވެސް އިލެކްޝަނުން މިހާރު ވަނީ ކަނޑައަޅާފަ އެވެ.
މި އިންތިހާބުގައި މާލޭގައި 122 ވޯޓު ފޮށި ބަހައްޓާނެ އެވެ. އޭގެ ތެރެއިން 48 ފޮށި މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރަށްވެހިން ވޯޓު ލާން 74 ފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި އިންތިހާބުގައި 55 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބެކޭ އެއްގޮތަށް، 50 ދިވެހިންނަށް ވުރެ މަދުން ވަޒީފާ އަދާކުރާ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމުގެ ބަދަލުގައި އިލެކްޝަނުގެ ވިސްނުން ހުރީ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ކައިރި ރަށްތަކުގައި ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
ފުއާދު ވިދާޅުވީ ހުރިހާ ޖަލުތަކެއްގައި ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖެ އިން ބޭރުގެ ގިނަ ގައުމުތަކެއްގައި ވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަނުން ވިސްނި އެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް އާއި ޗައިނާގެ އިތުރުން ޖަޕާނުގައި ވެސް ވޯޓު ފޮށި ބަހައްޓަން ވާހަކަ ދެކެވުނު ކަމަށް ފުއާދު ވިދާޅުވި އެވެ. އެހެން ނަމަވެސް ވޯޓުލާން 100 މީހުން ރަޖިސްޓްރީ ނުކުރާނެ ކަމުގެ މައުލޫމާތު ލިބުމުން އެ ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އިލެކްޝަނުން ބުނީ އިންތިހާބުގައި އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީ ލަންކާ ކޮލަމްބޯ އާއި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގެ އިތުރުން ލަންޑަންގައި ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ.
ޓްރިވެންޑްރަމްގެ އިތުރުން ނިއު ދިއްލީގައި ވެސް ފޮއްޓެއް ބަހައްޓަން އިލެކްޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިޔާސީ އިންތިހާބުގައި 500 އެއްހާ ވޯޓު ފޮށި ބަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ