ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓް މިމަހުގެ 11 ވަނަ ދުވަހު އޮންނާތީ އޭގެ ކުރިން އޭނާ ޖަލަށް ލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ޖަގަހައިގައި ކުރިއަށްދާ ޖަލްސާއެއްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އޭނާގެ މައްސަލަ މިހާރު ޕީޖީ އަށް ފޮނުވާފައިވާ ކަމަށާއި ޕީޖީ އިން އެމައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ވެސް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
"މާދަމާ ކްރިމިނަލް ކޯޓުގައި އެމައްސަލަ އެޖެންޑާ ކުރަން ވެސް މަސައްކަތް ކުރި ކަމަށް ވަނީ. މިމައްސަލަ ކުރިއަށް މިދަނީ ހައިސްޕީޑްގައި." ގާސިމް ވިދާޅުވިއެވެ.
ގާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދެއްވަން މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. އެމައްސަލަ މިހާރު ޕީޖީ އަށް ފޮނުވާފައިވާ ކަމަށް އިއްޔެ ޚަބަރު ފެތުރުނު ނަމަވެސް ޕީޖީ އިން އިއްޔެ އެޚަބަރު ދޮގު ކުރިއެވެ. ގާސިމްގެ މައްސަލަ އާއި ބެހޭ ގޮތުން ފުލުހުން ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ޖަލަށްލި ނަމަވެސް "މިރޫހު މަރައެއް ނުލެވޭނެ." ކަމަށެވެ.
"އަޅުގަނޑު މާދަމާ މިސްޓޭޖުން ނުފެނުނު ނަމަވެސް ކާބަފައިންނާއި ހަމައިން ކުރައްވަމުން ގެންދެވި ޖިހާދު ދިވެހިން މިހާރު ވެސް ދަމަހައްޓާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ ދެއްވަން އޮތް ނަސޭހަތަކީ "ހިތްވަރުން ހިތްވަރު ލިބިވަޑައިގެން މިމަސައްކަތުގައި ދެމިތިއްބަވަންވާނެ" ކަމަށެވެ.
"އެކެެއްގެ ކިބައިން އަނެކަކު ހިތްވަރުލިބިގަނެގެން އިހްލާސްތެރިކަމާއި އެކު ގަދަ ހިތްވަރާއި އެކު މަސައްކަތް ކުރަން ވާނެ. މާލަސްތަކެއް ނުވެ ﷲ އަޅުގަނޑުމެންނަށް ކާމިޔާބު ދެއްވާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން އަށް އެހީތެރިކަން ދެއްވި ހުރިހާ ބޭފުޅުން މިހާރު "ބޭރުކޮށްލައިފި" ކަމަށެވެ. "އެންމެ ފަހަށް މިހިރީ އަޅުގަނޑު. މިހާރު މިއުޅެނީ އަޅުގަނޑުގެ ދުވަސް ދުއްވާލަން. ނަމަވެސް އެކަމެއް ނުވާނެ" ގާސިމް ވިދާޅުވިއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން އަޅުގަނޑު ޖަލަށް ލާނެ – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ