ފްރިކުއެންސީ ބީލަން މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރުކޮށްފި

ރޭޑިއޯ އަދި ޓީވީ ފްރިކުއެންސީ ނީލަން ކިއުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފްރީކުއެންސީ ދޫކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ހައި ކޯޓުން ބުރާސްފަތިދުވަހު ވަގުތީ އަމުރެއް ނެރެފި އެވެ.
މ. ކުޑަވެޔޮމަތީގެ އިބްރާހިމް ފަލާހް ހައި ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ ފްރީކުއެންސީ ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދޭއިރު ތަޖްރިބާއަށާއި މިހާތަނަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ބަލައިގެން ތަފާތު ކުރުމަކީ ހަމަހަމަކަމުގެ ހައްގާ ހިލާފް ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ކަނޑައަޅައިދިނުން އެދޭ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
ހައި ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ފަލާފް ހުށަހަޅާފައިވާ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ފްރިކުއެންސީ ދޫކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް ކޮށްފި ނަމަ އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ފަލާހަށް ލިބިދާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަންދެން ޓެރެސްޓީރިއަލް ފްރިކުއެންސީ ދޫކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް އަމުރުކުރާ ކަމަށް ބުނެފައިވެ އެވެ.
ހައި ކޯޓުގައި ބުރާސްފަތިދުވަހު އޮތް ޝަރީއަތުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މާކްސް ދިނުމުގައި ތަފާތުކޮށްފައި ހުރީ އެކަމަށް އެންމެ ގާބިލް ފަރާތެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެހެން ބީލަންތަކުގައި ވެސް ތަޖުރިބާ އަށް ބަލާ ކަމަށާއި އެހެންކަމުން އެއީ ގާނޫނު އަސާސީން ލިބިދޭ ހަމަހަމަކަމުގެ ހައްގާ ޚިލާފް ކަމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ނަމަވެސް ދައުވާކުރާ ފަލާހްގެ ވަކީލް އަލީ ހުސައިން ވިދާޅުވީ ހަމަހަމަ ކަމަކީ އަސާސީ ހައްގެއް ކަމަށާއި އެއީ ގަވާއިދަކުން ހަނި ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ހައްގު ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދަކުން ހަނިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މާކްސް ދިނުމުގައި ތަފާތު އޮތުމުން އެކަމަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަނިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ